ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑު އެކުލާވާލެއްވުމަށްފަހު އެ މިންގަނޑު ޖެންޑާ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ޖެންޑާ މިނިސްޓްރީން އެ މިންގަނޑު ކަނޑައެޅުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި މިވަނީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުންތައް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެ މިނިސްޓްރީއަށް އަންގަވާފައިވާތީއެވެ.
އެގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖުމަލް ހަތް ކަމެއް ކުރުމަށް ޖެންޑާ މިނިސްޓްރީއަށް ދެންނެވުމަށް ނިންމިއެވެ. އޭގެ ތެރެއިން ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތަށް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައި ފޮނުވުމަށް ނިންމިއެވެ.
- ދެން ނިންމި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- - ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، ހަތް ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަނެ އެފަދަ އާއިލާތައް ދަފްތަރުކޮށް އެފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވާލުން.
- - ސިޓި ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައި ނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި އެ މައުލޫމާތު ހިމެނުން.
- - ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، އެފަދަ މީހުން މޮނިޓާ ކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުން.
- - ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.
- - ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދައި، އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓިއަށް ހިއްސާކުރުން.
- - 2009 ވަނަ އަހަރު ގާއިމުކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުންކުރަން ފެށުން.
މިދިޔަ ބުދަ ދުވަހު ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.