ކޮމިޝަނަރު އޮފް ޕްރިޒަންސް (ސީޕީ)ގެ މަގާމަށް މިއަދު އައްޔަންކުރެއްވި އަހުމަދު މުހައްމަދުފުޅާއެކު ރާއްޖޭގެ ޖަލުތައް އިސްލާހުކުރުމަށް ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސީޕީގެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒު އެމަގާމުން ވަކިކޮށް އަހުމަދު މުހައްމަދުފުޅު އެ މަގާމަށް އައްޔަންކުރެއްވީ މިއަދުއެވެ.
ރައީސް އޮފީހުން ބުނީ، މުނާޒު މަގާމުން ވަކިކޮށް، އަހުމަދު މުހައްމަދުފުޅު ސީޕީގެ މަގާމަށް އައްޔަންކުރެއްވުމަކީ ޖަލުތަކުގެ ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ގެންނެވި ބަދަލެކެވެ.
އެކަމާ ގުޅިން މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޖަލުތައް އިސްލާހުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައި، ޖަލު އޮޑިޓްގެ ރެކޮމެންޑޭޝަން ތަންފީޒު ކުރުމުގެ މަސައްކަތް އާ ސީޕީއާއެކު ހަލުވިކޮށް ކުރިއަށްދާނެ ކަމަށެވެ.
މިނިސްޓަރުގެ ޓުވީޓުގައި އަބްދުﷲ މުނާޒު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ކޮށްދެއްވި ހިދުމަތް ފާހަގަކޮށް ވަނީ ޝުކުރު ދަންނަވައިފައެވެ.
މުނާޒު މަގާމުން ވަކިކުރިއިރު، އޭނާ ސީޕީގެ މަގާމުގައި ހުރިއިރު ޖަލުތަކުގައި ދެ ފަހަރެއްގެ މަތިން ހަމަނުޖެހުންތަކެއް ހިނގައިގެން އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފައެވެ. އޭގެ އިތުރުން ޖަލުތަކުގެ ހާލަތު ރަނގަޅު ނޫން ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުން ވެސް ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ދާދި ފަހުން ޖަލުތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުރި ތަހުގީގަށް ކަރެކްޝަންސް އިން އެންމެ އެދެވޭ އެއްބާރުލުމެއް ނުލިބޭ ކަމަށާއި ދީފައިވަނީ ސައްހަނޫން މައުލޫމާތުކަމަށް އެޗްއާރުސީއެމުން ވެސް ވަނީ ބުނެފައެވެ.