ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން އޭނާ ވަކިކުރީ ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ގުޅިގެން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ކަމަށް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
ޑިސެމްބަރު 25، 2018 ގައި ސީޕީ ކަމަށް އައްޔަން ކުރެއްވި މުނާޒު މަގާމުން ވަކިކޮށްފައި މިވަނީ ޖަލުތަކުގެ ހާލަތު ދަށްވެ، ގައިދީންނަށް އަނިޔާތަކެއްކުރި ކަމަށް ބުނެ ޖަލާމެދު އާންމުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.
މަގާމުން ވަކިކުރުމުން މުނާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ކަރެކްޝަންސްގައި ހުއްޓާ ޖަލު "ހިލުވާލަން" ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ކުޅިގަނޑެއް ކުޅުނު ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރީ އެކުޅިގަނޑު ކާމިޔާބު ނުވުމުން ކަމަށާއި އެކަމާ ހަމްދުކުރާ ކަމަށް ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން މުނާޒު ވަކިކޮށް، އެ މަގާމަށް އައްޔަންކޮށްފައިވަނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދުފުޅެވެ.
މުނާޒު މަގާމުން ވަކިކުރިއިރު، އޭނާ ސީޕީގެ މަގާމުގައި ހުރިއިރު ޖަލުތަކުގައި ދެ ފަހަރެއްގެ މަތިން ހަމަނުޖެހުންތަކެއް ހިނގައިގެން އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފައެވެ. އޭގެ އިތުރުން ޖަލުތަކުގެ ހާލަތު ރަނގަޅު ނޫން ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުން ވެސް ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ދާދި ފަހުން ޖަލުތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުރި ތަހުގީގަށް ކަރެކްޝަންސް އިން އެންމެ އެދެވޭ އެއްބާރުލުމެއް ނުލިބޭ ކަމަށާއި ދީފައިވަނީ ސައްހަނޫން މައުލޫމާތުކަމަށް އެޗްއާރުސީއެމުން ވެސް ވަނީ ބުނެފައެވެ.