ޚަބަރު

އައްޑޫ ސިޓީން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދަން ހުޅުދޫ އާއި މީދޫން ރައީސަށް ހުށަހަޅަނީ

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދައި، އެ ދެ ރަށުގައި ރަށު ކައުންސިލް އުފައްދަން ރަށުގެ ރައްޔިތުން ސޮއިކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހަޅަން ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫ އަދި މީދޫގެ އިންތިޒާމް ކޮމިޓީގެ ފަރާތުން "އަފިރިންގެ ކައުންސިލް އަފިންނަށް" ނަމުގައި މި ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުއްވަނީ، ސައިރިކްސް ޝަރީފް އެވެ.

ޕެޓިޝަނުގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުން ވަނީ އެތަނުން ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އުފައްދައި، ގާނޫނުން ލިބިދޭ އެންމެހާ ބާރުތަކާއި އިހްތިޔާރު ތަކާއި ހައްގުތައް އެހެން ރަށްތަކެކޭ އެއްފަދައިން ދޭން އެދޭ ކަމަށެވެ.

ލާމަރުކަޒީ ނިޒާމް ތައާރަފްވެގެން ދިއުމާއެކު، އައްޑު އަތޮޅު ސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 2011 ވަނަ އަހަރު އެވެ.

އޭރު ގާނޫނު އޮތް ގޮތުން ސިޓީއަކަށް ވެވެނީ އާބާދީގައި 30،000 މީހުން ހަމަވެގެންނެވެ. އައްޑޫ ސިޓީގެ 30،000 ހުގެ އާބާދީ ހަމަކޮށްފައި ވަނީ ހުޅުދޫ އަދި މީދޫގެ 7000 މީހުން ވެސް ހިމަނައިގެން ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

އަދި 10،000 މީހުންގެ އާބާދީއެއް ހަމަވާ ތަންތަނަށް ސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް މިހާރު ހަމަޖެނިފައިވާއިރު، ހުޅުދޫ އާއި މީދޫގެ އާބާދީ ނުހިމަނައި ހިތަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ޕެޓިޝަނުގައި ވެ އެވެ.