ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒް ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން މުނާޒު ވަކިކޮށް، އެ މަގާމަށް އައްޔަންކޮށްފައިވަނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދުފުޅެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން މުނާޒް ވަކިކުރިކަން ރައީސް އޮފީހުން ވަނީ އޭނާއަށް އަންގައިފައެވެ. ރައީސް އޮފީހުން މުނާޒަށް އެކަން އަންގާފައިވަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
މުނާޒް އެ މަގާމުގައި ހުރި ދުވަސްވަރު ޖަލުތަކުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން ޖަލުތަކުގައި ދެ ފަހަރެއްގެ މަތިން ހަމަނުޖެހުންތަކެއް ހިނގައިގެން އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް އައިސްފައިވެއެވެ. އޭގެ އިތުރުން ޖަލުތަކުގެ ހާލަތު ރަނގަޅު ނޫން ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުން ވެސް ފާހަގަކޮށްފައިވެއެވެ.
ޖަލުތަކުގެ ހާލަތު ގޯސްކަން ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަންކުރެއްވި އަހުމަދު ވެސް މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.