ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލްސާނީ ސްކޫލްގެ ކުލާހެއްގެ ފަންކާ ވެއްޓި ދަރިވަރުންތަކަކަށް އަނިޔާވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނީ، އެ ހާދިސާގައި އަނިޔާވީ ވެއްޓުނު ފަންކާ އާ ދިމާއަށް ވާގޮތަށް ކުލާހުގައި ތިބި ދެ ދަރިވަރަކަށް ކަމަށެވެ. އަދި ފަންކާ ވެއްޓުނީ ކީއްވެގެންތޯ ބަލާ ތަހުގީގެއް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ ހާދިސާގައި އަނިޔާވި ކުދިން ގެންދިޔަ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، އޭގެ ތެރެއިން އެއްވެސް ދަރިވަރަކަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އެގޮތުން އެއް ދަރިވަރެއްގެ މޫނުމަތިން ހަން މެށިފައިވާއިރު ދެވަނަ ކުއްޖާއަށް އަނިޔާ ލިބިފައިވޭތޯ ބެލުމަށް ނެގި އެކްސްރޭ އިން ވެސް އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށެވެ. އަދި އެ ދެކުދިން ވެސް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.