ޚަބަރު

އެމްއެންޑީއެފްގެ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މަރިޔަމް ޝަހުދާ

ކ.ގުރައިދޫ ކައިރިން ދަތުރުކުރި އެމްއެންޑީއެފްގެ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ލޯންޗުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލައިފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދިނެވެ.

މިއަދު 15:55 ހާއިރު މި ހާދިސާ ހިނގާފައިވަނީ އެމްއެންޑީއެފްގެ ފާސްޓާ އިންޓާސެޕްޓާ އެފްއައިސީ ވެލާނާ ލޯންޗުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.