ޚަބަރު

ކޮމިޓީގެ ނިންމުން ތަންފީޒުކުރަން މަޖިލިސް ރައީސް އެންގެވުމަކީ ވެރިކަން ހިންގުމުގެ ބާރަށް އަރައިގަތުން: ހައިލަމް

އިބްރާހިމް ޒަކީ

ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން، އެފަދަ މައްސަލަތަކުގައި، ކުށްވެރިންނަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް، ކުރެވިދާނެ ކަންތައްތަކާބެހޭގުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރި ތަހުގީގަށްފަހު، ނިންމި ނިންމުން، ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓްރީއަށް އެންގެވުމަކީ، ގާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުން ކަމަށް ސިފަ ކުރައްވައި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ފާޑުވިދާޅުވެއްޖެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖެންޑާ މިނިސްޓްރީއަށް އެންގެވި އެންގެވުން ޓެގް ކުރައްވައި ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ ފުރަތަމަ ބާބުން ދިވެހި ދައުލަތުގެ ތިިން ބާރު ވަކިކުރެވިފައި ވާއިރު، ގާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުމަކީ ގާނޫނުއަސާސީއާ ވެސް ހިލާފު ކަމެއް ކަމަށެވެ.

ސުލޫކީ މައްސަލައެއްގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް ހައިލަމް އެ މަގާމުން އިސްތިއުފާ ދެއްވީ ހުސްވި ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގައެވެ.

ހައިލަމް އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑަރިންގެ މައްސަލަ ބަލައި ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށެވެ.

މަޖިލިސް ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރުމަށް ރައީސް ނަޝީދު، ޖެންޑާ މިނިސްޓްރީއަށް އަންގަވާފައި ވަނީ، ގާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭ ބާރެއް ބޭނުން ކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޖަމީލު ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އިރުޝާދު ދެވޭނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ. އަދި މަޖިލީހުގެ ބާރު އޮތީ ގާނޫނުއަސާސީގެ 70ވަނަ މާއްދާގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، އަސާސީ ކަންކަންވެސް ނޭނގޭ ބޭފުޅުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެހެން ބަޔަކު ވާދަނުކުރަން ގޮވުމުން ހައިރާން ނުވާ ކަމަށެވެ.