ޚަބަރު

ނަރުދޫ އާ އިންޖީނުގެ ބޮޑު ބައިވަނީ ނިމިފައި: ރަމްޒީ

އަހުމަދު ވަޖީފު

ށ. ނަރުދޫގައި އިމާރާތް ކުރުމުން އަންނަ އާ އިންޖީނުގެ ތަނބުތައް އަޅައި ނިމިފައިވާ ކަމަށް އެރަށު ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރު އަލީ ރަމްޒީ ވިދާޅުވެއްޖެއެވެ.

ވަން އޮންލައިނަށް މައުލޫމާތުދެއްވަމުން ރަމްޒީ ވިދާޅުވީ އާ އިންޖީނުގޭގެ ތަނބުތަކާއި ބެރީގެ މަސައްކަތް ނިމިފައިވާ ކަމަށާއި ރޭނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އިންޖީނުގޭގެ ނިންމުމަށް ބޭނުންވާ ހުރިހާ ސާމާނު ރަށަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަރުދޫގައި އިމާރާތްކުރަމުން އަންނަ އިންޖީނުގޭ ޕްރޮޖެކްޓަށް ސަރުކާރުން 5.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައި ވެއެވެ.

ނަރުދޫ އާ އިންޖީނުގޭގެ މަސައްކަތް ކުރުމަށް ސީސައީޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވާއިރު އެކުންފުނިން މަސައްކަތް ފަށާފައި ވަނީ ތިނެއް ނޮވެމްބަރު 2019 ގައެވެ. އަދި މަސައްކަތް ނިންމަން ދީފައިވަނީ ފަސް މަސް ދުވަހެވެ.

ނަރުދޫގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެއަކީ އަވަށުތެރޭގައި ހުންނަ ތަނަކަށް ވުމުން ރައްޔިތުންނަށް އެކި ކަހަލަ ދަތިތަކާ ކުރުމަތިލާން ޖެހިފައިވާ ކަމަށާއި އަޑުގަދަވުމުގެ އިތުރުން ދުމާއި ޑީސަލްގެ އަސަރުކުރުމުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް ރަމްޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އިމްރާތްކުރަމުން އަންނަ އިންޖީނުގެ ނިމުމުން ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގޭގައި ދިމާވާ ޖާގައިގެ ދަތިކަން ވެސް އޭރުން ހައްލުވެގެންދާނެ ކަމަށެވެ.