ހަ މަހާއި އަށާރަ މަހާ ދެމެދު ކުދިންނަށް މީސަލްސް ވެކްސިންގެ އިތުރު ޑޯޒެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ތުއްތު ކުދިންނަށް މީސަލްސްގެ އިތުރު ޑޯޒެއް ދިނުމަށް ހަމަޖައްސާފައި ވަނީ ހިމަބިހި ޖެހިއްޖެ ނަމަ އެކުދިންނަށް ނުރައްކާތެރިކަން ބޮޑުވެދާނެ ކަމަށް ޓަކައި ކަމަށެވެ.
މީސަލްސްގެ ވެކްސިން އަދި ކުޑަކުދިންނަށް ދޭ އިތުރު ޑޯޒް ދިނުމުގެ އިންތިޒާމް ސޯޝަލް ސެންޓަރު، މާލެ ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކުޑަކުދިންނަށް ދޭ އިތުރު ވެކްސިންގެ ޑޯޒް ދޭނީ ހަމަސް ފުރި 18 މަސް ނުވާ ކުޑަކުދިންނާއި، އެންމެ ފަހުން މީސަލްސް ވެކްސިން ޖެހުމަށްފަހު ހަތަރު ހަފުތާ ފުރިހަމަ ވެފައިވާ ކުދިންނަށް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މި ހިދުމަތް މިއަދު ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް ލިބޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ހިމަބިހީގެ ހަތަރު ކޭސްއެއް ފެނިފައެވެ.