އިބްރާހިމް ޒަކީ
ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރައީސް އޭސީސީގެ މެންބަރުންގެ ކިބައިން މިކަމަށް އެދި ވަޑައިގެންނެވީ، އެ ކޮމިޝަނުގެ މެންބަރުންނާއެކު އެމަނިކުފާނު އިއްޔެ ބައްދަލުކުރައްވައި ކުރެއްވެވި މަޝްވަރާ ތަކުގެ ތެރެއިން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުން ވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރައްވައި ދެއްވުމަށް ވެސް އޭސީސީ މެންބަރުންގެ ކިބައިން ރައީސް އެދި ވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އޭސީސީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭ ގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްގެންދާ ގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެގޮތުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭ ގޮތުން ކޮމިޝަނުން އަމަލުކުރަމުން ގެންދާ އާންމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ހާލަތްތަކުގައި އެ ކޮމިޝަނުން ގެންގުޅޭ އުސޫލުތައް ފަދަ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރިއެވެ.
ހަމަ އެހެންމެ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަން ވެސް އެ ކޮމިޝަނުގެ މެންބަރުން ފާހަގަ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.