ޚަބަރު

ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި، 269،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެ

އާނިފާ ހުސެއިން ސިރާޖް

1

އަންނަ އޭޕްރިލް މަހުގެ ހަަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފައިވާ ރަޖިސްޓްރީގައިވާ ގޮތުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 269،623 މީހުންނަށެވެ. މިއީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު މީހުންނަށްވުރެ 5181 އިތުރު އަދަދެކެވެ.

މިދިޔަ މަޖިލިސް އިންތިހާބުގައި ވޯޓުލުުމުގެ ހައްގު ލިބިފައިވަނީ 264،442 މީހުންނަށެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާއިރު، އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އިލެކްޝަނުން ބުނީ ޝަކުވާ ހުށަހެޅޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މާލެ ފިޔަވާ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑު ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ކަމަށެވެ. މާލޭގައިނަމަ ޝަކުވާ ބަލައިގަންނާނީ ބާ ޖަމާލުއްދީނުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟