އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން މުޅި ރާއްޖޭގައި ކެމްޕޭނެއް ހިންގުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، "އެޖެންޑާ 19 ރަށަށް" ސްލޯގަންގެ ދަށުން އެ ކެމްޕެއިން ހިންގާނީ މިމަހުގެ 23 އިން 25 އަށް ކަމަށެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ކެމްޕެއިން ހިންގުމަށް ހަމަޖެހިފައިވަނީ ހދ. އަދި ހއ. ނުހިމެނޭ ގޮތަށް ރާއްޖޭގެ ދެން ހުރި ހުރިހާ އަތޮޅެއްގައި ކަަމަށެވެ. އެއީ މާލެ ހިމަނައިގެން ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އަދި މިހާރު އަތޮޅު ތެރެއަށް ދަތުރުކުރަން 18 ޓީމެއް އެކުލަވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ، ކެމްޕެއިންގައި އެމްޑީޕީގެ ޓީމުތަކުން އެ އަތޮޅެއްގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ދޮރުން ދޮރަށް ހިންގާނެ ކަމަށެވެ. އަދި އެ ހަރަކާތުގެ ތެރެއިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެ އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި ހަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތައް އެއްކޮށްގެން ވޯކްޝޮޕެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިދާރީ އަލީ ނިޔާޒު ވިދާޅުވީ، މުޅި ރާއްޖޭގައި ބާއްވަން ނިންމާފައިވާ ވޯކްޝޮޕްތަކުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި ކައުންސިލްތަކުގެ ބަޖެޓާއި ރަށްރަށުގައި ވަޒީފާ އިތުރުވެގެން ދިއުމާބެހޭ ސެޝަނެއް ބާއްވާނެ ކަމަށެވެ. އޭގެ އިތުރުން ރަށްރަށުން ކުރެވިދާނެ ޕްރޮޖެކްޓުތަކާ ބެހޭގޮތުން ހިޔާލު ހުށަހަޅައި، އެކަމާގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ތައްޔާރުވާން ފެށީ ތިލަދުންމައްޗަށް ކުރި ދަތުރުންނެވެ.
ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގެ އިސް ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ ދަތުރުގައި ހއ. އަދި ހދ. ގެ ހުރިހާ ރަށަކަށް ގޮސް ދޮރުން ދޮރަށް ހިނގުމަށްފަހު، ކުޅުދުއްފުށި ސިޓީގައި ކޮންފަރެންސެއް ބޭއްވިއެވެ.