ޚަބަރު

ސީޕްލޭން ޓާމިނަލްގެ މައްސަލައެއްގައި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލްގެ މައްސަލައެއްގައި މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލުން މިހެން ބުނީ ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެދި، އެމްއޭސީއެލްގެ އިސް ދެ މުވައްޒަފަކު މިދިޔަ އަހަރު ފަހުކޮޅު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާފައިވާތީއެވެ. އަދި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި ކަމަކާއި ދެބަސްވުމަަކީ ވަޒީފާއިން ވަކިކުރަންޖެހޭ ސަބަބެއް ނޫން ކަަމަށް ބުނެ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.

އެމްއޭސީއެލުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސީޕްލޭން ޓާމިނަލްގެ މައްސަލައެއްގައި އެމްއޭސީއެލްގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އަދި އެމްއޭސީއެލްއަކީ މުވައްޒަފުން ވަޒީފާގައި ދެމިހެއްޓުމަށް ރަނގަޅު ރެކޯޑެއް އޮންނަ ކުންފުންޏެއް ކަމަށާއި މަދު ފަހަރެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރިޔަސް ވަކިކޮށްފައިވާނީ އިންސާފުން ކަމަށެވެ.

އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޔައުގޫބު ވިދާޅުވީ، ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ޓީއެމްއޭއާ ހަވާލުކޮށްފިނަމަ އެ ބަޔަކު ޖަވާބުދާރީކުރުވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި ކޮމިޓީން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.