މިނިވަން ޗެމްޕިއަންޝިޕްގެ ނަން ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕަށް ރީބްރޭންޑްކޮށް ބާއްވާ މުބާރާތަށް އެދެވޭ ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ މުބާރާތުގެ ފުރަތަމަ ބުރު ކެންސަލްކޮށްފިއެވެ.
ރާއްޖޭގެ އެކި ރަށްރަށަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތުގެ ފުރަތަމަ ބުރަކީ ރަށު ފެންވަރުގައި ކުޅޭ މުބާރާތެވެ. ރަށު ފެންވަރުގައި ކުޅޭ އެ މުބާރާތުގެ ޗެމްޕިއަނުންނަށް ފައިނަލް މުބާރާތުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ކޮންމެ ރަށެއްގައި ވެސް ރަށު ފެންވަރުގެ މުބާރާތެއް ބޭއްވުމަށް ކުރިން ނިންމި ނަމަވެސް، ގިނަ ޓީމުތަކެއް ބައިވެރިވެފައިނުވާތީ އެފްއޭއެމުން ވަނީ އެ މުބާރާތް ކެންސަލްކޮށްފައެވެ. އެފްއޭއެމުން މިހާރު ވަނީ ފުރަތަމަ ބުރު ކެންސަލްކޮށްފައިވާކަން ކައުންސިލުތަކަށް ވެސް އަންގައިފައެވެ.
ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ކޮންމެ ރަށަކުން ޓީމަކަށް އެ މުބާރާތުން ފުރުސަތު ދޭ އިރު، ދެވަނަ ބުރަކީ އަތޮޅު ބުރެވެ. އަތޮޅުތަކުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގަ ލިބޭނެއެވެ. އަދި ޒޯން ޗެމްޕިއަންކަމާއި ރަނަރަޕްކަން ހޯދާ ޓީމުތަކާއެކު ދެން ކުރިއަށްދާނީ ނޮކްއައުޓް ބުރެވެ.