ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕްގެ ނަން ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕަށް ރީބްރޭންޑްކޮށްފި

އަލީ ރިފްޝާން

ރާއްޖޭގެ އެކި ރަށްރަށަށް އަމާޒުކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕްގެ ނަން ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕަށް ރީބްރޭންޑް ކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވީ ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕު ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ.

ކުރިން މިނިވަން ޗެމްޕިއަންޝިޕް ވެސް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދިޔައެވެ. ނަމަވެސް ފަހުން އެ މުބާރާތް ކުރިއަށްގެންދިޔައީ ވަކި ރަށެއްގައި ކުޅޭ ގޮތަށެވެ. މަހުލޫފު ވިދާޅުވިގޮތުގައި ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް ކުރިއަށްދާނީ ބޮޑު ބަދަލުތަކަކާއެކުއެވެ.

"ހޯމް އެންޑް އަވޭ އުސޫލުން ކުޅިވަރު ކުޅޭ ގޮތަށް އޮތުމަކީ ރިޔާސީ އިންތިހާބުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވައުދުފުޅެއް. އަޅުގަނޑުމެން މިއަދު މި އިއުލާންކުރަނީ ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ނަމުގައި ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި މުބާރާތެއް ބޭއްވުމަށް. މިއާ ގުޅިގެން މީގެ ކުރިން ބާއްވާމުންދިޔަ މިނިވަން ޗެމްޕިއަންޝިޕް ނުބާއްވާގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ބާއްވާ އެ މުބާރާތުގެ ކުރިން މުބާރާތުގައި ބައިވެރިވާ ރަށްރަށުގެ މަންދޫބުންނާ މަޝްވަރާކޮށް ދަތިތަކަކީ ކޮބައިތޯ ބަލައި، އެކަންކަމަށް ސަރުކާރަށް ކޮށްދެވޭނެ ކަންކަން ބަލާނެ ކަމަށެވެ. އަދި އެ މުބާރާތުގައި ވާދަކުރާ ޓީމެއް ކަނޑައެޅުމަށް ރަށު ލެވެލްގެ މުބާރާތެއް ކުޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ވިސްނުމަކީ ރަށްރަށުން ބައިވެރިވާ އިރު، އަޅުގަނޑުމެން ކައުންސިލްތަކަށް ބާރެއް ދޭނީ އެ ރަށެއްގެ ފުރަތަމަ މުބާރާތް ބާއްވަން. އެއީ ރެޖިސްޓާޑް ކްލަބުތަކެއް ނޫން ކަމުގައި ވިޔަސް، އެ ރަށެއްގައި ކުޅޭ މުބާރާތަކުން އަންނަންވީ ސީދާ ރަށު ލެވެލްގެ ޓީމު. އެ ހިސާބުން ރަސްމީ ބައި ފެށޭނީ. އަޅުގަނޑުމެން ބޭނުންވަނީ ރަށުގެ ވީހާވެސް ގިނަ ބަޔަކަށް ކުޅުމުގެ ފުރުސަތު ދޭން. ކައުންސިލް މެދުވެރިކޮށް އެ މުބާރާތް ބާއްވާނީ. އެކަމަކު ރަސްމީ މުބާރާތަށް އަންނަ އިރު، އެއީ ރެޖިސްޓާޑް ކްލަބަށް ވާން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިނިވަން ޗެމްޕިއަންޝިޕް ރީބްރޭންޑްކޮށް، ބަދަލު ގެނެސްފައިވަނީ އެކި ލެވެލްގައި ކުޅުންތެރިންނަށް ކުޅެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށާއި ރަށު ލެވެލްގެ މުބާރާތަށް ފަހު އަންނަ ޑިސެމްބަރު މަހުގެ 31ގެ ކުރިން އެ ޓީމު، ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ބައިވެރިކުރުވުމަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ކުޅެމުން މިދިޔަ މިނިވަން ޗެމްޕިއަންޝިޕް އަޅުގަނޑުމެން ރީބްރޭންޑްކުރުމަށްފަހު ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕަށް ބަދަލުވެ، އަދި އެކި ލެވަލްތަކެއްގައި ކުޅުންތެރިންނަށް ކުޅެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މި ބަދަލުތައް ގެނެވިގެން މިދަނީ. މިހާރު މިއޮތް ގޮތުން ރަށް ތަމްސީލުކުރާ ޓީމު އަޅުގަނޑުމެންނާ ހަމައަށް އަންނަންވާނެ ޑިސެމްބަރު 31 ވަނަ ދުވަހު. އޭގެ މާނައަކީ ރަށު ލެވެލްގައި މިއަދުން ފެށިގެން ކައުންސިލްތަކުން މުބާރާތެއް ބާއްވާފައި، އެ މުބާރާތުން ނިންމަންވީ ޖަޒީރާ ޗެމްޕިއަންޝިޕްގައި ރަށް ތަމްސީލުކުރާ ޓީމު،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ރަށު ލެވެލްގައި ވާދަކުރާ މުބާރާތް ކާމިޔާބުކުރާ ޓީމަށް ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ބައިވެރިވެވޭނީ އެ ރަށެއްގެ ނަމުގައި ކަމަށާއި އެޓީމަކީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީވެފައި އޮންނަން ޖެހޭ ޓީމަކަށް ވާން ޖެހޭނެ ކަމަށެވެ.