ނ. މާޅެންދޫން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެރަށު ސްކޫލުގެ ޕްރިންސިޕަލް ދޫކޮށްލައިފިއެވެ.
ފަސް ކިލޯގެ މަސްތުވާތަކެއްޗާއެކު މާޅެންދޫ ސުކޫލުގެ ޕްރިންސިޕަލް ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް އޭނާގެ މުއްދަތު ޖަހަން ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓުން ގެންދިއުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޯޓުން އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ. އަދި އޭނާ ދޫކޮށްލި ސަބަބު ހޯދަންކުރި މަސައްކަތުން ހެނބަދޫ ކޯޓުގެ އޮފިޝަލެއްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މާޅެންދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު "ވަން" އަށް ވިދާޅުވީ، މަސްތުވާތަކެއްޗާއެކު މާޅެންދޫން ހައްޔަރުކޮށްފައިވަނީ ރަށު ސުކޫލުގެ ޕްރިންސިޕަލް، ޔޫސުފް އާދަމް ކަމަށެވެ. ނަމަވެސް އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށާއި އެފަދަ މައްސަލައެއްގައި މީގެ ކުރިން އޭނާ ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.