ޚަބަރު

މަސްތުވާތަކެއްޗަށް ޒިންމާވާންޖެހޭ ގޮތަށް، ސުޕްރީމް ކޯޓުން ބަދަލެއް ގެނެސްފި

މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުކުރުމުގައި ސުޕްރީމް ކޯޓުން މާނަ ކުރާ ގޮތަށް ބަދަލު ތަކެއް ގެނެސްފިއެވެ.

ސުޕްރީމް ކޯޓުން މި ބަދަލު ގެނަސް ފައި ވަނީ، އެ ކޯޓުން ކުރިން ގާނޫނު މާނަކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ނިންމައި އެ ނިންނުމާ ދުރުވާންޖެހޭ ކަމަށް ކަޑަ އެޅުމަށްފަހުގަ އެވެ.

ކޯޓުން މި ބަދަލު ގެނަސްފައި ވަނީ މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، ގދ. ނަޑެއްލާ އަތަމާގޭ އިބްރާހިމް ނާފިޒް (ޗިކާ) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި މިއަދު ކުރި ހުކުމުގަ އެވެ.

އަދި މިއީ ގާނޫނީ ނުކުތާއަކަށް ރިއާޔަތް ކޮށް ސުޕްރީމް ކޯޓުން ކުރިން ކޮށްފައި އޮތް މާނަ ކުރުމަކަށް ސުޕްރީމް ކޯޓުން ދުރަށް ދިޔަ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ހުކުމްގެ ނިންމުންތައް ބިނާކޮށްފައި ވަނީ، މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާ ތަކެތި ފެނުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްގެ ގޮތުގައެވެ.

އެނިންމުންތައް ބިނާކޮށްފައި ވަނީ އޭރު އަމަލު ކުރަމުންދިޔަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާއާ ހަވާލާދީފައެވެ. އެ މާއްދާއަކީ މުތުގަލު މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް އަދި މައުނަވީ ރުކުން ސާބިތު ކުރުމެއް ނެތި އެ ކުށް ސާބިތު ކުރުމުގެ ބޭނުމަށް އޮތް މާއްދާއެއް ނޫނެވެ. ނަމަވެސް އެއީ އެއް ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ ވިޔަފާރީގެ ބޭނުމަށް އެ ތަކެތި ގެންގުޅުން ކަމަށް ބެލުން ކަމަށް އެ ހުކުމުގައިވެ ބުނެފައިވެ އެވެ.

ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން މައުނަވީ ރުކުން ސާބިތުކުރުމެއް ނެތި ކުށް ސާބިތުވާ ކަމަށް ނިންމުމުގެ ފުރުސަތު އޮތަސް، މަސްތުވާތަކެއްޗާ ބެހޭ އެ ގާނޫނުގެ އެ މާއްދާގެ އިބާރާތާއި މަގުސަދު އެގޮތަށް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ކުރިން މާނަ ކުރި ގޮތް ބަދަލުކޮށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ، މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާ ތަކެތި ފެންނަ ފެނުމުގެ މައްޗަށް އެކަނި ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ގޮތަށް ކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ހައްގެއް ހަނިކުރުން ކަމަށްވާނެތީ، އެކަން ކަނޑައެޅޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގައި އެގޮތަށް ބުނެފައި ނެތުމުން އެ ގާނޫނުގެ ދަށުން ދައުވާކުރާ އެފަދަ މައްސަލަތަކުގައި ކުށް ސާބިތުވާނީ ގާނޫނު އަސާސީގައި ބުނާ އާންމު އުސޫލުން މައުނަވީ ރުކުނާއި މާއްދީ ރުކުން ދައުލަތުން ސާބިތުކޮށްދީގެން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންކަމުން މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާ އެއްޗެއް ފެނުނަސް، ކުށް ސާބިތު ވާނީ އެ ތަކެއްޗާ އޭނާއާ ގުޅުވާލެވޭ އިތުރު ހެކިތަކެއް، ނުވަތަ އެފަދަ އެއްޗެއް އޮތްކަން އޭނާ އަށް އެނގޭ ކަމުގެ ހެކިތަކެއް ހުރެގެން ކަމަށްވެސް ބުުނެފައިވެއެވެ.

މަނާ އެއްޗެއް ގެންގުޅުމުގެ ކުށް ސާބިތު ކުރުމުގައި އެ އެއްޗެއް ހޯދުމަށް ދައުވާ ލިބޭ މީހާ ކުރި އަމަލެއް ނުވަތަ އަތުގައި ބެހެއްޓުމުގެ ނިޔަތް އޮތްކަން ސާބިތުވާން ޖެހޭ ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ. އެ ބަދަލުގެ ބޭނުމަކީ މަނާ އެއްޗެހި ތަންތަނަށް ލުމަށް ފަހު އެހެން މީހުން ބޮލުގައި ޒިންމާ އަޅުވައި، ނަހަމަ ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުންކުރުމުގެ ފުރުސަތު ނުދިނުން ކަމަށް ވެސް ބުނެފައިވެއެވެ.

މި ހުކުމް ލިއުއްވާފައި ވަނީ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވަނީ މި ހުކުމަށް ތާއީދު ކުރައްވައިފައެވެ.