އިބްރާހިމް ޒަކީ
ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއެކު، ކުރިއަށް އޮތް، ލޯކަލް ކައުންސިލް ތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ކަމުގެ ޔަގީންކަން، ހުރިހާ ފަރާތްތަކަށް ދެއްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އެ އިންތިހާބު ތަކުގެ ސަލާމަތީ ކަންކަން ބެލެހެއްްޓުން ފުލުހުންނާ ހަވާލު ކުރުމުގެ އެއްބަސް ވުމުގައި އިލެކްޝަންސް ކޮމިޝަނާ އެކު މިއަދު ސޮއި ކުރެއްވުމަށްފަހު ކޮމިޝަނަރު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނާ ގުޅިގެން މި އިންތިހާބުގައި ދެފަރާތުން ހާސިލް ކުރަންޖެހޭ އަމާޒު ތަކަށް ވާސިލް ވުމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އިލެކްޝަން ކޮމިޝަނާއި އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް، ޖުމްލަ ގޮތެއްގައި މުޅި ރައްޔިތުންނަށް އަރުވަން އޮތް ޔަގީން ކަމަކީ، މި ފަހަރު މިބޭއްވޭ އިންތިހާބުގައި ވެސް އަޅުގަނޑުމެން ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލިޒަމް އާއި އަދި އަޅުގަޑު މެންނާއެކު މި މަސައްކަތުގައި އެންމެ ގާތުން މަސައްކަތް ކުރަންޖެހޭ އިލެކްޝަން ކޮމިޝަނާ އެ ކީގަ ވަރަށް ރަނގަޅަށް މަސައްކަތްތައް ކުރެވިގެން، ދެ މުއައްސަސާގެ މައިގަނޑު އަމާޒު ތަކަށް ވާސިލް ވާނެ ކަމަށް،" ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރ ވިދާޅުވީ، މި އިންތިހާބުގައި ވޯޓުދޭ ފަރާތްތަކާއި، ކެނޑިޑޭޓުންނާއި، ހުރިހާ ފަރާތްތަކެއްގެ ހައްގުތައް ރައްކާތެރިކޮށް، އެންމެނަށް އަމާން ރައްކާތެރި މާހައުލެއްގައި ތިބެހެން، އިންތިހާބުގެ ކަންކަން ނިމިގެންދާނެ އިންތިހާބަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް ތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރެއްގަ އެވެ.