ޚަބަރު

މާލެއާއި ވިލިމާލޭ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުފަހަރު ނަގަން ފަށައިފި

މާލެއާއި ވިލިމާލޭ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުފަހަރާއި ދަތުރުނުކޮށް ގިނަ ދުވަސްވަންދެން އަޅާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ މާލެ ސިޓީ ކައުންސިލާއި، ފުލުހުން އަދި ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެންނެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ މި މަސައްކަތް ފަށާފައި ވަނީ މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން މިކަން ކުރިއަށް ގެންދާނެ ގޮތް މަޝްވަރާ ކޮށް، ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

މިއަދު ހެނދުނު މި މަސައްކަތް ފަށާފައިވަނީ މަސް މާރުކޭޓު ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އެ ސަރަހަައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އަދި އެސަރަހައްދުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދުތަކާއި ގިނަ ދުވަހު ދަތުރު ނުކޮށް ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ގަވައިދާ ހިލާފަށް މާލެއާއި ވިލިނގިލީ ފަޅުގެ އެކި ސަރަހައްދުތަކުގައި ދަތުރު ނުކޮށް އަޅާފައި އޮންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު މިމަހު 15ގެ ކުރިން ނަގަން އަންގާފައެވެ. އަދި ވެރިފަރާތުން އެ އުޅަނދުތައް ނުނަގައިފި ނަމަ، އެ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރު ކަމަށް ބަލައި ކައުންސިލުން އެ އުޅަނދުފަހަރު ފަޅުން ނަގާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.