އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލުން 16 ޕޮއިންޓުގެ ލީޑެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 14 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެލެކްސެންޑާ އާނޯލްޑް ނަގައިދިން ކޯނަރަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރޮބާޓޯ ފާމީނޯ ދިން ބޯޅައަކުން ސާޑިއޯ މާނޭ ފޮނުވާލި ހަމަލާ، ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލިވަޕޫލަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 48 ވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ނަގައިދިން ހުރަހަކުން މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ގޯލާ އަމާޒުވެފައި ނުވާ އިރު، މެޗުގެ 50 ވަނަ މިނެޓުގައި ސަލާހު ދިން ބޯޅައަކުން ޖޯޑަން ހެންޑަސަން ފޮނުވާލި ހަމަލާ އަމާޒުވީ ޔުނައިޓެޑުގެ ގޯލުގެ ދަނޑިއަށެވެ.

ޔުނައިޓެޑަށް ވެސް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ފްރެޑް ފޮނުވާލި ހަމަލާއެއް ލިވަޕޫލުގެ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، އޭގެ މިނެޓެއް ފަހުން އެންތޮނީ މާޝިއަލްއަށް ލިބުނު ހުސް ފުރުސަތަކުން އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ކީޕަރު އެލިސަން ބެކާ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސަލާހެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލަށް ބޮޑު ލީޑެއް ލިބިފައިމިވަނީ ރޭގެ މެޗުގައި މެންޗެސްޓާ ސިޓީ އެއްވަރުވެ، މިރޭ ކުޅުނު މެޗުގައި ބާންލީ އަތުން ލެސްޓާ ސިޓީ ބަލިވުމާ ގުޅިގެންނެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 22 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ދެވަނައިގައި އޮތް ސިޓީއަށް 23 މެޗުން 48 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލެސްޓާއަށް 23 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 23 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. އަދި މިރޭ ލިވަޕޫލް އަތުން ބަލިވި ޔުނައިޓެޑް އޮތީ ކުޅުނު 23 މެޗުން ލިބުނު 34 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.