ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ ހަތް މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީން އެކަން ހާމަކުރީ އެރަށުގެ ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވެފައިވަނިކޮށް އެރަށުގެ އިސްމެޖިސްޓްރޭޓަކީ އެފަދަ އަމަލުތަކެއް ކުރާ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވާން ފެށުމުންނެވެ.
އެވާހަކަތަކާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިސްމެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ އޭޕްރިލް 24، 2019 ގައި ކަމަށެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށް އޭނާގެ ތަފާތު ހަތް މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ، މި މައްސަލަތަކުގައި އިސްމެޖިސްޓްރޭޓް ހަސަން ދީދީ މިދިޔަ އަހަރުގެ ޖުލައި 18 އިން 23 ގައި ކޮމިޓީއަށް ހާޒިރުކޮށް އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޝަކުވާއާ ގުޅޭގޮތުން އެފަރާތުގެ ބަހެއް ހޯދި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ވަކިގޮތެއް ކަނޑައަޅަންދެން ސަސްޕެންޑު ވެސް ކުރި ކަމަށެވެ.
އެގޮތުން އެ ތަހުގީގުގައި ޖިނާއީ މައްސަލަތަކެއް ފާހަގަކުރެވުމާއި ގުޅިގެން އެކަން މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ފުލުހަށް ހުށަހެޅި ކަމަށާއި އަދި ޖެހިގެން އައި ފުލުހުން އެ މައްސަލަތައް ބަލަން ފެށިކަން އެންގުމުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރެވުނު ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ، މިހާރު އެ މައްސަލަތަކާ ގުޅިގެން ކުރަމުންދަނީ އެންމެ ފަހުގެ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކަމަށެވެ.