ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަދަ ނުބައި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮވާލައިފިއެވެ.
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމަކީ ދިވެހި މުޖުތަމައަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. އަދި މިކަހަލަ މައްސަލަ ތަކުގައި ފިޔަވަޅު ނޭޅި ހުރުމަކީ އިސްލާމްދީނާއި ގާނޫނު އަސާސީން ކުޑަކުދިންނަށް ދީފައިވާ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެފައިވެއެވެ.
އެމްއާރުއެމް އިން ބުނީ، ކުޑަކުއްޖާއަށް ޖިންސީގޯނާ ކުރި މައްސަލަތަކުގައި ތުހުމަތު ކުރެވުނު ފަރާތްތަކަށް އެދެވޭ ގޮތެއްގައި ފިޔަވަޅު ނޭޅުމުގެ ސަބަބުން، އެމީހުން މުޖުތަމައުގައި މިނިވަން ކަމާއެކު އުޅެމުން ދާކަމީ ހިތާމަހުރިކަމެއް ކަމަށެވެ.
އެކަންކަން ހުއްޓުވޭނީ، ގާނޫނީ ގޮތުން ޒިންމާ ހަވާލުކުރެވިފައިވާ ގުޅުންހުރި ހުރިހާ މުއައްސަސާތައް އަދާކުރަންޖެހޭ ޒިންމާ އާއި ރައްޔިތުންގެ ފަރުދީ ޒިންމާވެސް ފުރިހަމައަށް އަދާ ކޮށްގެން ކަމަށާއި އެބާވަތުގެ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކާމެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއާރުއެމުން ބުނީ، އެފަދަ ބޮޑެތި ޖަރިމާތައް ހިންގާ އެންމެހާ ފަރާތްތައް ހޯދައި ގާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށް ގޮވާލާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ނުބައި ލާއިންސާނީ އަމަލުތައް ހުއްޓުވަމަށް އަވަސް ފިޔަވަޅުތައް އެޅުމަށާއި އަނިޔާ ލިބުނު ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކުދިން ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ ފަރުވާއަށް މަގު ފަހިކޮށްދީ އެކުދިންގެ ހައްގުތައް ހޯދައިދިނުމަށް ވެސް އެމްއާރުއެމުން ގޮވާލިއެވެ.
އޭގެ އިތުރުން މިސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި އެކަން ހައްދަވާ، ސޯޝަލް ސާވިސް ސެކްޓަރު ހަރުދަނާ ކޮށް ބޭނުންވާ ވަސީލަތްތައް ވިހާވެސް އަވަހަކަށް އިތުރު ކޮށްދެއްވައި، އެބާވަތުގެ އިޖުތިމާއީ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ކައުންސިލްތަކާއި މިނިވަން މުއައްސަސާ ތަކާއި ސިޔާސީ ޕާޓީތަކާ، އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށާއި އަދި ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.