ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަަލައެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލްގެ ރައީސް ހުސައިން އަލީ ވަނީ ކުދަކުދިން ތަކަކަށް އޮރިޔާން ފިލްމް ދައްކައި، އެކުދިންނަށް ބެހިފައެވެ. އަދި މި މައްސަލަ އެ އަތޮޅު ފުލުހުންނަށް ހުށަހަޅައި ކުޑަކުދިންތަކެއްގެ ބަޔާންވެސް ވަނީ ނަގާފައެވެ.
މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މިރޭ "ވަން" އަށް މައުލޫމާތު ދެެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވާދޫ ކައުންސިލްގެ ރައީސް ކުޑަކުދިންނަން ޖިންސީ ގޯނާކުރި މައްސަަލައެއްގެ ތަހުގީގު ނިންމުމަށްފަހު ހުކުމް ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ. ނަަމަވެސް މިހާތަނަށް އޭނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ނިމިދިޔަ ތިން އަަހަރުވެސް ވާދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުރި ހުސައިން އަލީ ދަނީ އެ ރަށު މިސްކިތުގައި ހުކުރު ހުތުބާވެސް ކިޔަމުންނެވެ. އަދި އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ޕީޕީއެމް ޓިކެޓުގައި ވާދަކުރުމަށް ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން "ވަން" އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެއީ ސިޔާސީ ބޭނުމަށް އަބުރު ކަތިލުމަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ.
"ވޭތުވެދިޔަ އަހަރުވެސް ކައުންސިލްގެ ރައީސް ކަމުގައި މިހުރީ އަޅުގަނޑު. ވާދަވެރިންނަށް އެ ގޮނޑި ދިފާއު ކުރުމަކީ ދަތި ކަމަކަށް ވާތީވެ ފަތުރައިގެން އުޅޭ އެއްވެސް ތާކުން ތާކު ނުޖެހޭ ހަގީގަތެއް ނެތް ވާހަކަތަކެއް އެއީ. ކައުންސިލްގެ ރައީސެއްގެ ގޮތުގައި ހުރެގެނެއް ނޫން ކަންނޭނގެ އެވަރު ކަމެއް ކުރަން ވާނީވެސް. އެއީ ހަމަ ހަގީގަތާ ވަރަށް ދުރު، ކަނޑައެޅިގެން ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ޓަކައި ދެކެވޭ ވާހަކަތަކެއް." ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން އެކަން ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލައިގައި އިހުމާލުވުމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހުވެސް ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
އެ ދެ މައްސަލައިގެ އިތުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުކުރު ދުވަހުގެ ރޭ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. އެމީހާގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހައިފައެވެ.