ސައުދި އަރަބިއްޔާ ސަރުކާރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ހަދިޔާކޮށްފައިވާ ކާރެއް، މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފު އަހްމަދު މުސްތަފާ މުހައްމަދުގެ ނަމުގައި ރަޖިސްޓްރީ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފިޝަލަކު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދައުލަތަށް ހަދިޔާކޮށްފައިވާ ކާރެއް އަމިއްލަ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.
ނިމިގެންދިޔަ ހަފްތާގައި އެ މައްސަލަ ބަލަން ފަށާފައި ވާއިރު އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ހިއްސާ ކުރައްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި އަހަރުގެ އޯގަސްޓު މަހު ސައުދީ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް މާސެޑީޒް ބެންޒްގެ އެސް600ގެ ކާރެއް ހަދިޔާ ކޮށްފައެވެ. އެ ކާރަކީ ބުލެޓްޕްރޫފް ބިއްލޫރިތަކެއް ހިމެނޭ އަގުބޮޑު ކާރެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މުސްތަފާގެ ނަމަށް ކަސްޓަމްސް އިން އެ ކާރު ރެޖިސްޓްރީ ކޮށްފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައި އެ ކާރު އޮއްވައެވެ.
އެ މައްސަލައާ ގުޅިގެން މުސްތަފާ ޓްރާންސްޕޯޓު އޮތޯރިޓީ އަށް ލިޔުއްވި ސިޓީއެއް ދައުރުވާ ކަމަށްވެސް މައުލޫމާތު ފެތުރުނެވެ. އެކަމާ ގުޅޭގޮތުން މުސްތަފާގެ އެއްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.