ޚަބަރު

ޕީޕީއެމްގެ ޕްރައިމަރީ އަންނަ މަހުގެ ހަތްވަނަ ދުވަހު

އާނިފާ ހުސެއިން ސިރާޖް

ޕީޕީއެމްގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ، އަންނަ މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށާއި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ބާއްވާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.

ހިނާ ވިދާޅުވީ އިއްޔެއިން ފެށިގެން ހުރިހާ ކެންޑިޑޭޓުންނަށްވެސް ވޯޓާސް ލިސްޓު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ރޭ 10:00ގެ ނިޔަލަށް ހުޅުވަލާފައިވާ ކަމަށެވެ.

އެގޮތުން އެ ޝަކުވާތައް ބެލުމަށް ފަހު މިއަންނަ އާދިއްތަ ދުވަހުގެ ކުރިން ދާއިމީ ވޯޓާސް ލިސްޓު ހުރިހާ ކެންޑިޑޭޓުންނަށް ފޯރުކޮށްދޭނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އެ ޕާޓީން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޕީޕީއެމުން ވަނީ ނިންމައިފައެވެ.