ޚަބަރު

ހެއްކާބެހޭ ގާނޫނާއި، ހެކި ހިމާޔަތް ކުރުމުގެ ގާނޫނުގެ ބިލް މަޖިލީހަށް ހުށަހެޅުމަށް އޭޖީގެ ކިބައިން އެދިއްޖެ

އިބްރާހިމް ޒަކީ

ހެއްކާބެހޭ ގާނޫނާއި، ހެކިދޭ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ބިލް އެކުލަވާލައި ވީ އެންމެ އަވަހަކަށް މަޖިލީހަށް ފޮނުވުމަށް، އެޓާނީ ޖެނެރަލް (އޭޖީ) އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސް ކޮށްފިއެވެ.

ކޮމިޓީގެ މި ނިންމުމާބެހޭގޮތުން، ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، ކުޑަކުދިންނާ ގުޅުންހުރި ގިނަ މައްސަލަ ތަކުގައި ހެކިންގެ ގޮތުގައި ތިބެނީ ވެސް ކުޑަކުދިން ކަމަށެވެ. އެހެންކަމުން އެފަދަ ކުދިން ގާނޫނުން ހިމާޔަތް ކުރެވެންޖެހޭނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން އިތުރަށް ވިދާޅުވީ އެފަދަ ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓް ކުމުގައި ފަސްޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ހެކިވެރިންނަށް ރައްކާތެރިކަން ނެތުން ކަމަށެވެ.

އެހެންކަމުން ހެއްކާބެހޭ ގާނޫނާއި، ހެކިދޭ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ބިލެއް އަންނަ މަހު ފަށާ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ވީހާވެސް އަވަހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އެންގުމަށް ކޮމިޓީން ފާސް ކުރިއެވެ.

"ކުޑަކުދިންނާ ގުޅުންހުރި ވަރަށްގިނަ މައްސަލަތަކުގައި، ހާއްސަކޮށް ބ. ގޮއިދޫ ކޭސްގައި ތިބޭފުޅުން ހަނދުމަފުޅު ހުންނަވާނެ ވިޓްނަސް އަކީ ވެސް ކުޑަކުދިން، ވިޓްނަސް އަކީ ވެސް ވިކްޓިމްސްއަށް ވެފައިތިބި ކުޑަކުދިން، އެހެންވީމާ ވިކްޓިމް ޕްރޮޓެކްޝަން ވަރަށް މުހިއްމު، ގިނަ މީހުން ރިޕޯޓް ކުރުމަށް އެންމެ ބޮޑަށް ފަސްޖެހޭ ބޮޑު އެއްސަބަބު އެއީ ހެކިވެރިންނަށް، ރައްކާތެރިކަން ނުލިބޭތީ، އެހެންވީމާ ވިޓްނަސް ޕްރޮޓެކްޝަން ވަރުގަދަ ކުރުމަކީ މުހިއްމުކަމެއް، ގާނޫނީގޮތުން އެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ،" ޖީހާން ވިދާޅުވިއެވެ.

ކުޑަކުންދިނަށް ޖިންސީ އަނިޔާ ކުރާ މައްސަލަތައް، ކޯޓުތަކުގައި ލަސްވާ މައްސަލަ ބަލައި އެކަމާ ބެހޭގޮތުން މަޝްވަރާކޮށް ގާނޫނަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ފާހަގަ ކޮށް ކޮމިޓީއަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.