ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ވަސީމް އަކްރަމް، ރައީސްގެ އަރިހަށް ވަދާއީ ޒިޔާރާތް ކުރެއްވީ މިއަދު ހެނދުނުއެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް އަހުވަންތަ ގުޅުން ފާހަގަކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އޭގެ އިތުރުން ސަފީރު ވަސީމް އަކްރަމްގެ ސަފީރުކަމުގެ ދައުރުގައި ތައުލީމީ، ސިއްހީ، އިޖްތިމާއީ އަދި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ޕާކިސްތާނުގެ ސަފީރަށް ރައީސް ސޯލިހު ޝުކުރު ދެންނެވިއެވެ.
ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ވިދާޅުވީ، އެ ގައުމުގެ ސަފީރުގެ ހައިސިއްޔަތުން ރާއްޖޭގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާ ކުރައްވާ ކަމަށެވެ. އަދި މުސްލިމު ދެ ގައުމުގެ ގޮތުން ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ސަފީރު ވާހަކަދެއްކެވިއެވެ.