ޚަބަރު

އެއާޕޯޓް ޓެކްސީ ކިޔު ކައިރިއަށް އެއާޕޯޓު ފެރީ ބަދަލުކޮށްފި

މަރިޔަމް ޝަހުދާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީ ކިޔު އޮންނަ ސަރަހައްދަށް އެއާޕޯޓު ފެރީ ބަދަލުކޮށްފިއެވެ.

މިބަދަލަކީ އެއާޕޯޓަށް އަންނަ މީހުންނަށް ފަސޭހައަކަށް ގެނައި ބަދަލެއް ކަމަށް "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވިއެވެ.

އެއާޕޯޓުގެ ޓެކްސީ ކިޔު ސަރަހައްދަކީ މިހާރުވެސް ވަރަށް ބާރުބޮޑު ސަރަހައްދެކެވެ. ނަމަވެސް މި ބަދަލާއެކު އެ ސަރަހައްދުގެ ލޯޑު ކުޑަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ކުރިން މީހުން ޓެކްސީ ކިޔުގައި ޖެހިގެން އެތައް ގަޑިއެއް ބޭކަރުވެގެން ދިޔަ ނަމަވެސް، ފެރީގެ ހިދުމަތް އެ ސަރަހައްދަށް ބަދަލުކުރުމުން ލަސްވާ މީހުންނަށް ފެރީން މާލެ ދިއުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

މީގެ އިތުރުން މި ބަދަލާއެކު ކުރިން އެއާޕޯޓު ފެރީ ބޭނުން ކުރަމުން އައި ވޯޓަ ފްރަންޓް ރެސްޓޯރެންޓް ކައިރި ސަރަހައްދު ރިސޯޓުތަކަށް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެކަން ހަސަން ފާހަަގަކުރެއްވިއެވެ. އަދި ރިސޯޓުތަކުން ފަތުރުވެރިން ގޮވައިގެން އަންނަ ނުވަތަ ފަތުރުވެރިން ބަލާ އަންނަ ލޯންޗުތައް އެސަރަހައްދު ބޭނުން ކުރުމަކީ އެމްއޭސީއެލްގެ އެދުމެއް ކަމަށް ހަސަން ވިދާޅުވިއެވެ.