ޚަބަރު

ޓްވީޓުގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް މާދަމަ ހުކުމް ކުރަނީ

އަހުމަދު ޖައިޝަން

ޖަލުގައި ނުހިނގާ ކަންތައްތަކެއް ހިނގިކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވި މައްސަލައިގެ ހުކުމް އިއްވުމަށް މިހާރުގެ ޔޫތު މިނިސްޓަރު އަދި ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ.

މިނިސްޓަރު މަހްލޫފް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ޗިޓުގައި ބުނެފައިވަނީ މާދަމާގެ 1100 އަށް ކޯޓަށް ހާޒިރުވުމަށެވެ.

އެ ޗިޓުގައި ބުނެފައިވަނީ މަޚުލޫފު ކޯޓަށް ހާޒިރުކުރަނީ ދައުލަތުން ހިންގާފައި ނުވާކަމެއް ހިންގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ކުށުގައި ކަމަށެވެ.

މަހްލޫފުގެ މައްޗަށް ދައުލަތުން އުފުލި ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ މީގެ ކުރީން ފަސް ހެކި ހުށަހަޅާފަ އެވެ. އެއީ ތަހުގީގަށް މަހްލޫފު ދީފައިވާ ބަޔާނާއި، ތަހުގީގުގެ ވީޑީއޯ އަދި އޯޑިއޯގެ އިތުރުން، މަޚުލޫފުގެ ޓްވީޓަކީ ދޮގު ޓްވީޓެއްކަން ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2018 މާޗު 5 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއަކާއި، މަހްލޫފުގެ ޓްވީޓުގެ މައުލޫމާތު ލިބިފައިވާކަން ބަޔާންކޮށް ކަރެކްޝަނަލް ސަރވިސަސް އިން ފޮނުވާފައިވާ ސިޓީއެއް އަދި މަހްލޫފުގެ ޓްވީޓެވެ.

ނުހިނގާ ކަމެއް ހިންގި ކަމަށް ބުނާ ކަމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މަހުލޫފް ކުރި ޓްވީޓަކާ ގުޅިގެންނެވެ.