ޚަބަރު

ހުކުރު ދުވަހު ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި އަންހެނަކަށް އަނިޔާވި މައްސަލައިގެ ތަހުގީގު ފަށައިފިން: ސީޕީ

މަރިޔަމް ޝަހުދާ

ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ކުއްޖާގެ ބައްޕަ ހުޅުމާލޭގެ ފްލެޓެއްގައި ހުރުމުން، އާންމުން އެސަރަހައްދައް އެއްވެ އުޅުމުގެ ތެރޭ ހިނގި ހަމަނުޖެހުމުގައި، ބާރުގެ ބޭނުންކޮށްގެން އެއްވުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރެއިން އަންހެނަކަށް އަނިޔާވި މައްސަލައިގެ ތަހުގީގު ފަށައިފި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެދު އުމުރުގެ އެ އަންހެން މީހާގެ އާއިލާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސްގެ ޓީމެއް އެ އަންހެންމީހާއަށް ޒިޔާރަތް ކުރި ކަމަށް ހަމީދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ހުކުރު ދުވަހު މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ހުޅުމާލެ ފްލެޓް 108 ސަރަހައްދުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރެއިން އަންހެންމީހާގެ ނޭފަތް ވަނީ ފަޅައިގެން ގޮސްފައެވެ. ފުލުހުން ބުނީ ފުލުހުން ބާރުގެ ބޭނުން ކުރާ ހާލަތްތަކުގައި ބާރުގެ ބޭނުން ކުރެވުނު ގޮތް ރިވިއު ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީންވެސް މި މައްސަލަ ރިވިއު ކުރަމުން އަންނަ ކަމަށެވެ.