މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.
ޑރ. މުއިއްޒު ވަނީ ޕީޕީއެމް އަށް އޭނާ ސޮއިކުރެއްވި ފޯމު އެޕާޓީގެ އޮފީހުގައި ޕާޓީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި މޫސާ ޒަމީރަށް މިއަދު ހަވާލުކުރައްވައިފަ އެވެ.
ޑރ. މުއިއްޒު އަކީ މިހައިތަނަށް އެމްޑީއޭގެ މެންބަރެކެވެ. އޭނާ ހުންނެވީ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ޕާޓީގެ ލީޑަރު އައްޔަންކުރައްވާ ޑެޕިއުޓީ ލީޑަރުގެ މަގާމުގަ އެވެ.
ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރަމުން އައިސް ދެޕާޓީގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދި، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީއޭ އިން ނަގާފައި ވަނީ "ސައިލެންޓް" ސްޓޭންޑެކެވެ. އެހެން ނަމަވެސް ޑރ. މުއިއްޒު ހުންނެވި ހައުސިން މިނިސްޓަރު ކަމުގެ ސްލޮޓަކީ ކޯލިޝަންގެ އެއްބަސްވުމުގެ ދަށުން އެމްޑީއޭގެ ސްލޮޓެކެވެ. ހައުސިން މިނިސްޓަރުކަން މުއިއްޒަށް ލިބިވަޑައިގަތީ އެމްޑީއޭގެ ސްލޮޓެއްގަ އެވެ.