ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ ލަގަބާއި ޒިންމާތައް ދޫކޮށްލައްވައިފި ކަމަށް ބަކިންހަމް ޕެލަސް އިން އިއުލާންކޮށްފިއެވެ.
ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއްގައި ބުނީ ރާނީ އެލިޒަބަތު ތިނެއް މީގެ ފަހުން، ޝާހީ ލަގަބުގައި ޕްރިންސް ހެރީ އަދި މޭގަން ތަމްސީލު ނުކުރައްވާ ނެކަމަށެވެ.
މީގެ އިތުރުން އެ ދެކަނބަލުން ޝާހީ މަގާމުގައި ތިއްބެވިއިރު އިނގިރޭސި ވިލާތުން ބައްލަވައިގެންފައިވާ "ފްރޮގްމޯ ކޮޓޭޖް" އަށް 2.4 މިލިޔަން ޔޫރޯ އެ ދެބޭފުޅުން ދައްކަވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އެ ކޮޓޭޖަކީ ޕްރިންސް ހެރީގެ ދެކަނބަލުން ދިރިއުޅުއްވުމަށް ޓެކްސްޕޭޔަރުންގެ ފައިސާއިން ބައްލަވައިގެންފައިވާ ގެއެކެވެ.
ބަޔާނުގައި އިތުރަށް ބުނީ ހެރީއާއި މޭގަން ޝާހީ ލަގަބާއި ޒިންމާތަކުން ވަކިވެވަޑައިގެންނެވިކަން މިހާރު އިއުލާނުކުރި ނަމަވެސް، އެއަށް އަމަލު ކުރަން ފަށާނީ މިއަހަރުގެ ރަބީއު (ސްޕްރިންގް) މޫސުމުގައި ކަމަށެވެ. އެއީ މާޗު 20 ވަނަ ދުވަހުން ފެށިގެންނެވެ.
ބަކިންހަމް ޕެލަސް އިން ބަޔާން ނެރެފައި މިވަނީ ރާނީ އެލިޒަބަތު ތިނެއް މިދިޔަ ހޯމަ ދުވަހު ޝާހީ އާއިލާގެ ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުއެވެ. ރާނީ ވިދާޅުވެފައިވަނީ މާމަދަރިކަލުންނާއި އާއިލާއަށް ސަޕޯޓްކުރެއްވޭނެ ގޮތެއް ލިބިވަޑައިގެންނެވީތީ އުފާފުޅު ކުރައްވާ ކަމަށެވެ.
ޕްރިންސް ހެރީ އާއި އަނބިކަނބަލުން އަދ ދަރިކަލުން އާޗީ އަބަދުވެސް ވެވަޑައިގަންނަވާނީ އެއާއިލާގެ މުހިންމު ބޭފުޅުންނަށް ކަމަށް ރާނީ ވަނީ ވިދާޅުވެފައެވެ. އަދި އެބޭފުޅުން ޝާހީ އާއިލާއަށް ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައި މޭގަން އެހާ އަވަހަށް އާއިލާގެ ބޭފުޅަކަށް ވެވަޑައިގެންނެވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ރާނީ ވަނީ ވިދާޅުވެފައެވެ.
ބަޔާނުގައި ވާގޮތުން ޕްރިންސް ހެރީ އަދި މޭގަން ރޯޔަލް ހައިނަސްގެ ލަގަބުވެސް ދެން ބޭނުންފުޅެއް ނުކުރައްވާނެ އެވެ.