އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އިން މެންޗެސްޓާ ސިޓީ ހިފެހެއްޓި އިރު، ޝެފީލްޑް ޔުނައިޓެޑުން އާސެނަލް ހިފަހައްޓައިފިއެވެ.
ސިޓީ އާއި ޕެލަސް ރޭ ކުޅުނު މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ ސިޓީގެ ދަނޑު، އެތިހާދު ސްޓޭޑިއަމުގައެވެ.
އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ޕެލަސް އިންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޑިފެންޑަރު ގޭރީ ކޭހިލް ދިން ބޯޅައަކުން ކްރިސްޓަލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންކް ޓޮސުންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޕެލަސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސިޓީން ވަނީ ކުޅުން ވަރުގަދަކޮށް މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި، ލީޑު ހޯދައިފައެވެ. ސިޓީއަށް އެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސިޓީއަށް އަގުއެރޯ ނަތީޖާ ހަމަހަމަކޮށްދިނީ ގެބްރިއަލް ޖެސުސް ނަގައިދިން ހުރަހަކުންނެވެ. އަދި މެޗުގެ 87 ވަނަ މިނެޓުގައި ސިޓީއަށް އަގުއެރޯ ލީޑު ހޯދައިދިނީ ބެންޖަމިން މެންޑީ ނަގައިދިން ހުރަހަކުންނެވެ.
ޕެލަސް އިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ވިލްފްރެޑް ޒަހާ ފޮނުވާލި ބޯޅަ، ސިޓީގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ފެނާންޑީނިއޯ އަތުން ބައިކޮޅަށެވެ.
ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޝެފީލްޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ އާސެނަލްގެ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމުގައެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އާސެނަލުން ވަނީ ލީޑު ހޯދައިފައެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ގެބްރިއަލް މާޓިނެލީއެވެ. އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ހަމަލާތަކަކަށްފަހު ޝެފީލްޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. މައިޓްލެއިންޑް ނައިލްސްގެ ގައިގައި ޖެހިފައި ލިބުނު ބޯޅައަކުން ޝެފީލްޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްކޮޓްލެންޑް މިޑްފީލްޑަރު ޖޯން ފްލެކްއެވެ.
ރަށުން ބޭރުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 1-0ގެ ނަތީޖާއަކުން ޗެލްސީ ވަނީ ބަލިވެފައެވެ. އެ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނިއުކާސަލް އިން ޖެހި ލަނޑަކީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު އިސާކް ހޭޑަން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ކުޅުނު 21 މެޗުން 61 ޕޮއިންޓު ހޯދާފައިވާ ލިވަޕޫލެވެ. ދެވަނައިގައި އޮތް ސިޓީއަށް 23 މެޗުން 48 ޕޮއިންޓު ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 22 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ޗެލްސީއަށް 23 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.