ޚަބަރު

ޕީއައިސީ އުވައިލީ ރިލްވާންގެ މައްސަލަ ފަދަ މައްސަލަތަކުގެ ތަހުގީގު އޮއްބައިލަން ކަމަށް ބެލެވޭ: ސަރީރާ

ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވައިލީ ރިލްވާން އާއި އެ ނޫން ވެސް އޭރު އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ސީރިއަސް އެތައް މައްސަލަތަކެއްގެ ތަހުގީގު ހުއްޓައިލުމަށް ކަމަށް ވަރަށް ބޮޑަށް ބެއްލެވޭ ކަމަށް ޕީއައިސީ އުވައިލި އިރު ރައީސާ ކަމުގެ މަގާމުގައި ހުންނެވި ފާތިމަތު ސަރީރާ އަލީ ޝަރީފު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ޕީޕީއައިސީގެ ރައީސާ ކަމުގެ މަގާމުގައި ހުންނެވި އިރު ރިލްވާންގެ މަރާ ގުޅޭ ގޮތުން ލިބިވަޑައިގެންފައި ހުރި މައުލޫމާތުތައް ދިނުމަށް އާއިލާ އިން އޭރު އެދުމުން އެމައުލޫމާތު ދީފައި ނުވާ ކަމަށް ބުނެ، މީސް މީޑިއާގައި ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

"ޕީއައިސީ އުވައިލީ ރިލްވާންގެ މައްސަލަ އާއި އެނޫން ވެސް ބައެއްް މައްސަލަތައް ބަލަމުން ދިޔަ ދުވަސްވަރެއްގަ. އެކަން އާންމުން ހަނދާން ހުންނާނެ ކަމަށް އުއްމީދުކުރަން. އެއީ މައްސަލަ ތަކުގެ ތަހުގީގު ހުއްޓުވައިލަން ކުރި ކަމެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރަން." ސަރީރާ ވިދާޅުވި އެވެ.

ސަރީރާގެ ޓުވީޓުގައި ވިދާޅުވީ، ރިލްވާންގެ އާއިލާއެކޭ އެއް ފަދައިން އޭނާ ވެސް ރިލްވާންގެ މައްސަލައިގައި އިންސާފު ލިބެން އެދޭ ކަމަށެވެ.

"ޕީއައިސީގައި ހުރި އިރު ރިލްވާންގެ ކޭސް އެއްކޮށް ނިންމުމަށް ކުރެވެން ހުރިހާ މަސައްކަތެއް އަޅުގަނޑު ކޮށްފައިވާނެ ކަމުގެ ޔަގީންކަން ރިލްވާންގެ އާއިލާ އަށާއި އާންމުންނަށް ވެސް އަރުވަން." ސަރީރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާގެ ދައުރުގައި ރިލްވާންގެ މައްސަލަ ނިންމުމަށް އަދި އިންސާފު ހޯދުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ތެދުވެރިކަމާ އެކު ކުރެއްވި ނަމަވެސް، އަދިވެސް އިތުރަށް ކުރެވޭނެ ކަމެއް އޮތް ކަމަށް ރިލްވާންގެ އާއިލާ އިން ދެކިވަޑައިގަންނަވާ ނަމަ އެކަމަށް ޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ޕީއައިސީ އަށް ލިބޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ހިއްސާކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެހެން ކަމުން މީސްމީޑިއާގައި ފާޑުކިޔުންތައް އަމާޒު ވިޔަސް، ޕީއައިސީގެ ރަސްމީ ޒިންމާގެ ތެރެއިން ލިބިވަޑައިގެންފައި ހުރި މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕީއައިސީ ހިންގަނީ ފުލުހުންގެ ގާނޫނުގެ ދަށުންނެވެ.

ފުލުހުންގެ ގާނޫނުގެ 28 ވަަނަ މާއްދާގެ ރ. ގައި ބަޔާން ކޮށްފައި ވަނީ "ކޮމިޝަނުގެ ވަޒީފާގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަން ޖެހޭ މައުލޫމާތެވެ. މިފަދަ މައުލޫމާތެއް ގާނޫނީ ބާރެއް ލިބިފައިވާ ފަރާތެއްގެ ތަހުގީގަށް ޓަކައި ނުވަތަ ޝަރީއަތުގެ ބޭނުމަށް ޓަކައި މެނުވީ ކޮމިޝަނުގެ މަސައްކަތާ ނުގުޅޭ އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެ" ކަމަށެވެ.

ސަރީރާ ވިދާޅުވީ އޭނާ އަށް ރިލްވާންގެ މައްސަލައިގައި ލިބިވަޑައިގެންފައި ހުރި މައުލޫމާތު، އެ ފަދަ މައްސަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނަށް ހިއްސާ ކުރައްވާނެކަން އެކޮމިޝަނުގެ ޗެއާމަން އަށް އަންގަވައިފައި ވާނެ ކަމަށެވެ.

ޕީއައިސީ އަކީ ފުލުހުންގެ އިހުމާލު މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާއާ އެކު އުފެއްދެވި ކޮމިޝަނެކެވެ. އާންމު މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ މެންޑޭޓް އެ ކޮމިޝަނަކަށް ގާނޫނުން ލިބިދީފައެއް ނޯވެ އެވެ. އަދި އަމިއްލަ އަށް އެއްވެސް މައްސަލައެއްގައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރެއް ވެސް ނޯވެ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ސަރީރާ މިއަދު ވިދާޅުވީ ޕީއައިސީން ރިލްވާންގެ މައްސަލަ ނުބަލާ ކަމަށާއި ބެލީ، ރިލްވާން ގެއްލު ކަމަށް ބުނާ ރޭ ހުޅުމާލެއިން މީހަކު ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނާ މައްސަލަ ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރިތޯ ނުވަތަ އެ މައްސަލަ ބެލުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ އެވެ.

ދުވަސް ނޫސް "މިހާރު"ން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކާރާ ގުޅިގެން ޕީއައިސީން ބެލި މައްސަލައިގެ ރައުޔު ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެރުނު އިރު އޭގެން ތިން މެންބަރުންގެ ރައުޔަކީ ފުލުހުންގެ އިހުމާލެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ސަރީރާ އާއި ކޮމިޝަނުގެ އިތުރު އެއް މެންބަރެއްގެ ރައުޔު އެ މައްސަލައިގައި ތަފާތު ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އުވައިލައި ނެޝަނަލަ އިންޓަގްރިޓީ ކޮމިޝަން އުފެއްދެވީ ވަރަށް ކުއްލި ގޮތަކަށެވެ. ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި އޮންނަތާ އެތައް އަހަރެއްވީ ނެޝަނަލް އިންޓަގްރެިޓީ ކޮމިޝަނުގެ ބިލު ކުއްލި ގޮތަކަށް ފާސްކޮށް ޕީއައިސީ އުވައިލައި ވުޖޫދު ކުރި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ޕީއައިސީގެ ރައީސާ ސަރީރާ އަށް ރައީސް ޔާމީން ޖާގަ ދެއްވައިފައެއް ނުވެ އެވެ.