ޚަބަރު

ކުއްޖާގެ ކާފަ މުދިމު ކަމުން ސަސްޕެންޑުކޮށްފި

މަރިޔަމް ޝަހުދާ

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެ ކުއްޖާގެ ކާފަ ގދ.ކަނޑުހުޅުދޫ މިސްކިތުގެ އިމާމު ކަމުގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

މިކަން އިސްލާމިން މިނިސްޓްރީން އާންމުކޮށްފައިވަނީ މިރޭ ކުރި ޓުވީޓޭއްގައެވެ.

މިނިސްޓްރީން މިރޭ ކުރި ޓުވީޓުގައި ބުނެފައިވަނީ ކަނޑުހުޅުދޫ މިސްކިތުގެ އިމާމުކަން ކުރަމުން އައި އިބްރާހިމް ދީދީ (62 އ.) ސަސްޕެންޑުކޮށްފައިވަނީ "ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމާ ގުޅިގެން" ކަމަށެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ އިބްރާހީމް ދީދީ ވަޒީފާއިން ސަސްޕެންޑު ކޮށްފައިވަނީ މިއަދު ކަމަށެވެ.

އިބްރާހީމް ދީދީ އިއްޔެ ހައްޔަރުކޮށްފައިވަނީ އޭނާގެ ކާފަދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. ހަމަ މި މައްސަލައިގައި އެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިބްރާހީމް ދީދީގެ ބައްފަވެސް ވަނީ އޭނާ އާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ ކުރިންވެސް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު އެކި ފަހަރު މަތިން އިބްރާހީމް ދީދީއަށް ކޮށްފައިވެއެވެ. އަދި އޭނާގެ ބައްޕަ 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއް މިހާރުވެސް ކޯޓުގައި ކުރިއަށްދެއެވެ.