ޚަބަރު

އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް ދެ ބޭފުޅަކު

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ދެ ބޭފުޅަކު ކުރިމަތިލައިފިއެވެ.

ކުޅުދުއްފުށި ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން މޭޔަރު ކަމަށް ކުރިމަތިލާފައިވަނީ ކުޅުދުއްފުށި، މާވިނަ، އަހުމަދު އާތިފާއި ކުޅުދުއްފުށި، ހިލްމަން، މުހައްމަދު އާތިފެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން އަހުމަދު އާތިފަކީ މިހާރު ވެސް ހދ. އަތޮޅު ކައުންސިލުގެ ކައުންސިލަރެކެވެ. މިއީ އޭނާ އަތޮޅު ކައުންސިލުގެ ކައުންސިލަރުކަން ކުރައްވާ ދެވަނަ ދައުރެވެ. ދެ ދައުރުގައި ވެސް އަހުމަދު އާތިފް ހޮވުނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށްގެންނެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކުރުމާ ގުޅިގެން އެ ސިޓީ ވަނީ ހަ ދާއިރާއަކަށް ބަހާލައިފައެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާ، ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ، ކުޅުދުއްފުށި މެދު އުތުރު ދާއިރާ، ކުޅުދުއްފުށި މެދު ދެކުނު ދާއިރާ، ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ އަދި ކުޅުދުއްފުށި އިރު ދެކުނު ދާއިރާއެވެ. އޭގެ ތެރެއިން އަންހެނުންނަށް ހާއްސަ ދެ ދާއިރާގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅެކެވެ. ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ އިރު، ކުޅުދުއްފުށި މެދު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލާފައިވަނީ ވެސް ހަތަރު ބޭފުޅެކެވެ. ކުޅުދުއްފުށި މެދު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލާފައިވަނީ ދެ ބޭފުޅެކެވެ. އަދި ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ދެ ބޭފުޅަކު ކުރިމަތިލާފައިވާ އިރު، ކުޅުދުއްފުށި އިރު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލާފައިވަނީ ތިން ބޭފުޅެކެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރަނީ ހަތް ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ މާލޭ ސިޓީ މޭޔަރުކަމުގައި މިހާރު ވެސް ހުންނެވި ޝިފާ މުހައްމަދެވެ.

މާލެ ސިޓީ މޭޔަރު ކަމަށް ދެން ވާދަކުރައްވަނީ މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒާއި މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމްމަނިކާއި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފާއި އިބްރާހިމް ރަޝީދު މޫސާ އަދި އަބްދުﷲ ސައީދެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ތިން ބޭފުޅުންނަކީ އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް އަހުމަދު އަދުހަމް އާއި އެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އަބްދުﷲ ސޯދިގު (ސޯބެ) އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ހަތަރު ބޭފުޅެކެވެ. އެއީ އެ ސިޓީގެ މޭޔަރުކަމުގައި މިހާރު ވެސް ހުންނެވި އަބްދުﷲ ފަލާހް ޝަރީފާއި މުހައްމަދު ނިޒާމް ހަސަންގެ އިތުރުން އިސްމާއިލް ރަފީގު އަދި އަހުމަދު މުހައްމަދެވެ.