ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗު ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުރި ބޭފުޅަކު ހައްޔަރުކޮށްފިއެވެ.
"ވަން" އޮންލައިން އަށް މައުލޫމާތު ދެމުން ވިލިނގިލީ ރައްޔިތަކު ބުނީ ރައީސް ޔާމީން ސަރުކާރުގައި އެންމެ ފަހުން ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ސިލްވަރުވިލާ، އަހުމަދު ރަޝީދު ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ކަމަށެވެ.
ރަޝީދު ހައްޔަރުކޮށްގެން ގެންދިޔައިރު އޭނާ ހިންގާ ގަރާޖު ސާވިސް އެއް ކަމަށްވާ "އޭއެމް" އަށް މިއަދު ފުލުހުން ވަދެ އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ އެ މައްސަލައާ ގުޅިގެން މިހާރު އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ރަޝީދުގެ އިތުރުން ރޭ ހައްޔަރުކޮށްފައިވާ ހަތް މީހެކެވެ. ރޭގެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ހަ މީހެކެވެ. އެ ހަ މީހުންނަށްފަހު އިތުރު މީހަކު ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެމީހާގެ މައުލޫމާތެއް ނުލިބެއެވެ.
ވަގަށް ނެގި ފައިސާއާ ގުޅިގެން އެމީހާ ބުނީ މިހާރު ވަނީ އެއްބައި ފައިސާ ހޯދާފައި ކަމަށާއި ބާކީ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.