ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމުގެ މައުލޫމާތު ހޯދަން ގުޅުމުން އެކަން ކުރި މީހަކު ނުވަތަ ބަޔަކު މެމްބަރަށް ވިދާޅުވެދެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ރޮޒައިނާ ވަނީ، ސިފައިންގެ ދެ މީހަކު އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު ސިފައިންގެ ޔުނީފޯމް ލައިގެން އޮފީހަށް ގޮސް ގޮސް ތިބޭއިރު، ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ މައްސަލަ އަދިވެސް ކުރިއަށް ނުގޮސް އޮތް ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެފަދަ ކަމެއް ހިނގާފައިވާކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފައި ނެތް ކަމަށެވެ.
އޭގެ އިތުރުން އެކަމާ ގުޅިގެން މެންބަރު ރޮޒައިނާ އަދި ފުލުހުންނާ އެމްއެންޑީއެފުން ގުޅުމުން 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރިކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ވިދާޅުވެވެދިފައި ނުވާ ކަމަށް ނޫސް ބަޔާނުގައިވެއެވެ.
"ސިފައިންގެ މީހެއްގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން މި މުއައްސަސާއާއި ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅ އަޅާނަމެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް އަމަލު ކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައަކީ ގައުމީ ދިފާއީ ބާރުން ވެސް ކަންބޮޑުވާކަމެއް ކަމަށާއި އަދި އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ލިބުމަށް އެދޭ ކަމަށެވެ.