ނޯދަން ޔޫރަޕްގައި އޮންނަ އެންމެ ބޮޑު ޓްރެވަލް އެންޑް ޓުރޭޑް ފެއާ، މަޓްކާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ފިންލެންޑުގެ ވެރިރަށް ހެލްސިންކީގައި ބާއްވާ އެ ފެއާގައި އެ ކޯޕަރޭޝަންއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން 11 މަންދޫބުން ބައިވެރިވާ ކަމަށެވެ.
އެގޮތުން ފެއާގައި ރާއްޖެ ތަމްސީލު ކޮށްދީފައިވަނީ 60 އަކަފޫޓުގެ ސްޓޭންޑެއްގައި ރާއްޖޭގެ ހިތްފަސޭހަ މަންޒަރުތައް ފެންނަ ގޮތަށެވެ. އަދި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ސްޓޭންޑަޑްގައި ހުރެ ފޮޓޯނެގުމަށްފަހު ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްގެން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް ވެސް ވަނީ ހުޅުވާލައިފައެވެ.
އޭގެ އިތުރުން ރާއްޖޭގެ ސްޓޭންޑުގައި ދިވެހި ސަގާފަތް އިސްތިހާރު ކުރުމުގެ ގޮތުން ސަގާފީ ހެދުން އަދި ދިވެހި ރަހަތަކުގެ ތެރެއިން ކުދި ގުޅައާއި ބޮނޑިވެސް ރަހަބެލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެމްއެމްޕީއާރުސީން ބުނީ، މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ނޯދަން ޔޫރަޕްގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން އެ ސަރަހައްދުގެ އިތުބާރު ހިފޭ މީޑިއާތަކަށް ރާއްޖޭގެ މައުލޫމާތު ދިނުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މިއަހަރުގެ މަޓްކާ ފެއާގައި 90 ގައުމެއްގެ 935 އެގްޒިބިޓަރުން ބައިވެރިވެ އެމީހުންގެ ހިދުމަތްތަކާއި އުފެއްދުންތައް ދަނީ ދައްކާލަމުންނެވެ.
ނޯދަން ޔޫރަޕަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ 1.7 މިލިއަން ފަތުރުވެރިންގެ ތެރެއިން ނޮދަން ޔޫރަޕުން 57370 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.