ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

އަދުރޭ ހައްދަވަނީ އިތުރުފުޅެއް، ޔާމީނަށް މިހާރު ޕީޕީއެމް ނުހިންގޭނެ: އީސީ ޝަރީފް

1

ރައީސް ޔާމީނަށް މިހާރު ޕީޕީއެމް ނުހިންގޭނެ ކަމަށާއި އެހެން ކަމުން ޕާޓީ އަށް ފޮނުވަން ޖެހޭ ރަސްމީ ލިޔެކިޔުންތައް އެޑްރެސްކުރަންވީ ބޭފުޅަކު އަންގަވައިދެއްވުމަށް ޕީޕީއެމްގައި އެދިވަޑައިގެންފައި ވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ، ޕާޓީގެ މުސްތަޝާރު ކަމުގެ މަގާމު ރައީސް ޔާމީނަށް ގެއްލިވަޑައިގަތަސް ޕާޓީގެ ހިންގުން އެމަނިކުފާނުގެ އަތްޕުޅުން ގެއްލިގެން ނުދާނެ ގޮތަށް ކައުންސިލުން ނިންމުމެއް ނިންމާފައި ވާނެ ކަމަށެވެ.

"2016 ވަނަ އަހަރުގެ އޮކްޓޯބަރު 16 ގައި އަޅުގަނޑުމެންގެ ކައުންސިލުން އޮންނާނީ ނިންމާފަ ޕާޓީގެ ކޮންގްރެސްއެއް ބާއްވައި ރަސްމީ މަގާމު ތަކަށް މީހުން އިންތިޚާބުކުރެވެންދެން ޕާޓީ ހިންގަވާނީ ޔާމީން އަބްދުލް ގައްޔޫމް ކަމަށް. އެއީ މުސްތަޝާރު ކަމާ ގުޅުމެއް އޮތް ކަމެއް ނޫން. އެހެންވީމަ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަނުން ބަލައިނުގަތަސް، މި ދެންނެވި ކައުންސިންގެ ނިންމުން ސައްހަ ވާނެ އަދި ދެމިއޮންނާނެ. އަނެއްކާވެސް އެންގޭނީ ގަވައިދާ އެއްގޮތަށް ކޮންގްރެސް ބާއްވަން." އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ އިންތިޚާބީ ރައީސް، ރައީސް މައުމޫން އާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ޚިޔާލުތަފާތުވުންތައް ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް ނުބޭއްވޭ ހާލަތަށް ދިއުމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ނިންމަވައިފައި ވަނީ ޕާޓީގެ މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ކައުންސިލްގެ ބައްދަލުވުންތައް ކުރިޔަށް ގެންދެވުމަށެވެ. ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން އެޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ނަމަ މުސްތަޝާރަކީ އެބޭފުޅެކެވެ. އެހެން ކަމުން ޕާޓީ ހިންގަމުން އައީ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސް ޔާމީންގެ ރިޔާސީ ދައުރު މި މަހުގެ 17 ވަނަ ދުވަހު ހަމަވުމާ އެކު، އެމަނިކުފާނަށް ޕީޕީއެމްގައި އޮތް އެ ޕާޓީގެ މުސްތަޝާރު ކަމުގެ މަގާމު ވަނީ ގެއްލިވަޑައިގެންފަ އެވެ. އެހެން ކަމުން މިއަދު އެމަނިކުފާނަކީ ވެސް ޕީޕީއެމްގެ އާންމު މެންބަރެކެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޕީޕީއެމްގެ ކައުންސިން ނިންމާފައި އޮންނާނީ، މުސްތަޝާރުކަން ގެއްލުނަސް އަބްދުﷲ ޔާމީން އަށް ޕާޓީ ހިންގެވޭ ގޮތަށް ކަމަށް އަދުރޭ ދާދި ފަހުން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ އަދުރޭ އެހެން ވިދާޅުވި ނަމަވެސް އިކެލްޝަނަށް ލިބިފައިވާ ސިޓީގައި އޮތީ އެހެން ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ސިޓީގައި އޮތީ ޕާޓީގެ މުސްތަޝާރު، އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް، އެހެން ވީމަ މުސްތަޝާރުގެ މަގާމު ރިޔާސީ އިންތިޚާބުގެ ދައުރު ހަމަވުމާ އެކު ޔާމީނަށް ގެއްލިވަޑައިގެންފައި ވާތީ ޕާޓީ ހިންގުމުގެ ބާރު މިހާރު އެބޭފުޅާއަކަށް ނޯންނާނެ." އަދުރޭ ވިދާޅުވާ ކައުންސިލް ބައްދަލުވުމުގެ ނިންމުން އިލެކްޝަނަށް ލިބިފައިވާ ސިޓީގައި އޮތް ގޮތް "ވަން އޮންލައިން" އަށް ސާފުކޮށްއްދެއްވަމުން ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އިލެކްޝަނުން މިހާރު މުއާމަލާތް ކުރަނީ ޕީޕީއެމްގެ ކައުންސިލާ ކަމަށާއި އެ ކައުންސިލަކީ ޕީޕީއެމްގެ ހިންގުން ޔާމީންއާ ހަވާލު ކުރި އިރުވެސް އޮތް ކައުންސިލެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟