ޚަބަރު

ކުއްޖަކު ރޭޕްކުރި ދެ ސިފައިން ޔުނީފޯމުލައިގެން އޮފީހަށް ގޮސް ގޮސް އެތިބެނީ، މައްސަލަ ކުރިއަކަށް ނުދޭ: ރޮޒެއިނާ

އިބްރާހިމް ޒަކީ

4

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ދެ ސިފައިންގެ މީހުން ޔުނީ ފޯމް ލައިގެން އޮފީހަށް ގޮސް ގޮސް ތިބޭއިރު، ރޭޕް ކުރި ކުއްޖާގެ މައްސަލަ ކުރިއަށް ނުގޮސް އަދިވެސް އެބަ އޮތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މެންބަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ޖިންސީ އަނިޔާގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ނަމަވެސް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށެވެ. އަދި އެ މައްސަލަތައް ކުރިއަށް ނުދާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ކަންކަން އެނގި ތިބެ އެއީ ޖޯލިފަތީގައި ތިބެގެން އަނގަ ތަލާލަން ދައްކާ ވާހަކައަކަށް ހަދައިލާ މަންޒަރު ރަށް ރަށުންވެސް ފެންނަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ތަނަކަށް ރިޕޯޓް ކުރިއަސް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ބާރު މިނުގައި އަޅަމުން ނުދާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ތަނަކަށް ރިޕޯޓް ކުރިއަސް އެ ރިޕޯޓްތަކާ ގުޅޭގޮތުން ވެސް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ބާރު މިނުގައި ނާޅާތަން، މިސާލަކަށް އަޅުގަނޑު ދަންނަވާލާނަން، 15 އަހަރުގެ ކުއްޖެއް ރޭޕް ކޮށްގެން ދެ ސިފައިންގެ މީހުން، އެ މައްސަލަ އެކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅައިގެން ކުރިއަށް ނުގޮސްގެން އަޅުގަނޑު އަމިއްލައަށް ދިޔައީ، ހަމަ އެއްކަލަ ދެ ސިފައިންގެ މީހުން ޔުނީފޯމު އަޅައިގެން އޮފީހަށް ގޮސް ގޮސް އެ ތިބެނީ ރޭޕްކުރި ކުއްޖާ ހުރިގޮތަށް ހުރީ، އެއީ ކާކުކަން ކިޔައި ނުދެވޭވަރު ކުއްޖެއްނޫން އެއީ، 15 އަހަރުގެ ކުއްޖެއްގެ ވާހަކަ މިދަންކަނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އެ ކުއްޖާ ވިކްޓިމައިޒް ކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް ކަމަށެވެ.

އަދި އޭގެ ފަހުންވެސް ސިފައިންގެ އެ ދެމީހުން ދޫކޮށްފައި ތިބުމަކީ އޭގެ ފަހުން ވެސް ކިތައް ކުދިންނާ ދޭތެރޭ އެގޮތަށް އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟