އަމިއްލަ ދަރިން ހިމާޔަތް ނުކުރެވުމަކީ އިންސާނީ ނަސްލުގެ ގޮތުން ފެއިލްވުން ކަމަށް އިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "ޔޫތް ޑިސްކަޝަން ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކު ވިދާޅުވީ މައިން ބަފައިންގެ ހިތުގައި ދަރިންނާމެދު އޮންނަ ލޯބި އެކުދިން ކުރާ ގޯސް އަމަލުތަކުން ކެނޑިގެން ނުދާ ކަމަށާއި މައިންބަފައިން ރުޅި އަންނަނީ އެ ކުދިން ދެކެ ނޫން ކަމަށާއި އެ ކުދިން ކުރާ ނުރަނގަޅު އަމަލުތަށް ދެކެ ކަމަށެވެ.
ނަމަވެސް އެމީހުންގެ އަމިއްލަ ދަރިން ދެކެ ލޯނި ނުވާ، ކުދިންނަށް އިހްތިރާމު ނުކުރާ މައިންބަފައިންވެސް އުޅޭ ކަމަށް މެންކު ވިދާޅުވިއެވެ.
އެމީހެއްގެ ދައުރު ރަނގަޅު ގޮތުގައި އަދާ ނުކުރެވުމަކީ ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި މެންކު ވިދާޅުވީ ދަރިފުޅު ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރަންޖެހޭ ބައްޕަ، އޭގެ ބަދަލުގައި އެ ދަރިފުޅު ރޭޕް ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.
މުފްތީ މެންކު ވިދާޅުވީ އެފަދަ ދެރަ މައްސަލަ ތަކަކީ ވަކި ގައުމަކަށް ކުރިމަތިވެފައިވާ ކަމެއް ނޫން ކަަމަށާއި އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަމެއް ކަމަށެވެ.
މެންކު ވިދާޅުވީ ދަރިފުޅު ހިމާޔަތް ކުރަންޖެހޭ ބައްޕަ، އެ ދަރިިފުޅު ރޭޕް ކުރުމަކީ އިންސާނީ ނަސްލުގެ ގޮތުގައި ފެއިލްވުން ކަަމަށާއި އެފަދަ މައްސަލަތަކުގައި ވަކި މީހަކަށް، ޕާޓީއަކަށް ނުވަތަ ވަކި ގައުމަކަށް އިނގިލި ދިއްކޮށް އެއްޗިހި ނުކިޔުމަށެވެ.
"އޭގެ މާނައެއް ނޫން މި ގައުމު ފެއިލް ވަނީ އޭ. މާނައަކީ އަރަހެމެން، "އިންސާނީ ނަސްލު" ގެ ގޮތުން އަމިއްލަ ދަރިން ހިމާޔަތް ކުރުމުގައި ފެއިލް ވަނީ" ކަމަށް މެންކު ވިދާޅުވިއެވެ.
މެންކު މިފަދައިން ވިދާޅުވެފައި ވާއިރު، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ މިހާރު ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލައިގައި އެ ކުޑަ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަ އާއި، މުނި ކާފަގެ އިތުރުން ބައްޕަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.