ޚަބަރު

ވިސާއާ ނުލައި ދިވެހިން ޔޫރަޕަށް އެތެރެވުމަށް ހަންގޭރީގެ ހާރިޖީ ވަޒީރު ތާއީދު!

އާނިފާ ހުސެއިން ސިރާޖް

ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ތާއީދުކުރައްވާކަމަށް ހަންގޭރީގެ ހާރިޖީ ވަޒީރު ޕީޓާ ޒިޖާޓޯ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ނިމިދިޔަ ހަފްތާގައި އިންޑިއާގެ ނިއުދިއްލީގައި އޮތް ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މިއަހަރުގެ މާޗް މަހު މާލޭގައި ހުޅުވުމަށް ހަމަޖައްސާފައިވާއިރު، ޔޫރަޕަށް ދިވެހިންނަށް ދަތުރުކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ފޮރިން މިނިސްޓަރ ޝާހިދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ޔޫރަޕްގެ ގައުމުތަކާއިއެކު ޝެންގެން ވިސާގެ މަޝްވަރާތައް ބާއްވަމުންދާއިރު، ވިސާއާ ނުލައި ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ފުރުސަތު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ޔޫރަޕްގެ ގައުމުތަކުން މިހާރު ތާއީދުކުރަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަންގޭރީގެ ހާރިޖީ ވަޒީރާއެކު ބޭއްވި މަޝްވަރާތަކުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުކުރި ފްރޭމްވޯކްގެ މަސައްކަތް ހުއްޓާލުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ. ރާއްޖެއާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން ފިޔަވަޅު އެޅުމަށް ނިންމީ 2018 ވަނަ އަހަރު، ރާއްޖޭގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ.

އޭގެ އިތުރުން ދެ ވަޒީރުން ވަނީ މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވައިފައެވެ.

ހަންގޭރީއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަހަރަށް 45 އަހަރުވާނެއެވެ.