އިބްރާހިމް ޒަކީ
ޖިންސީ ގޯނާއާ ގުޅިގެން ހުރިހާ މުއައްސަސާތަކަށް ހުށަހަޅާފައިވާ ހުރިހާ މައްސަލަ ތަކެއްގެ މައުލޫމާތު ތައް ހޯދައި، އެ މައްސަލަތަކާ ގުޅުން ހުރި ހުރިހާ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން ފާސްކޮށްފި އެވެ.
ކޮމިޓީ މިގޮތަށް ފާސްކުރީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، އެ ކޮމިޓީން މިރޭ ބޭއްވި ކުއްލި ބައްދަލުވުުގައެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ ތާއީދާއެކު ކޮމިޓީން ފާސް ކޮށްފައިވަނީ، މާދަމާ މެންދުރު ދެގަޑި ބައިގެ ކުރިން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި، ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ ހުރިހާ މައްސަލަތަކަކާބެހޭ ހުރިހާ މައުލޫމާތެއް ކޮމިޓީއަށް ހޯދުމަށެވެ. އަދި ދެ އަހަރުގެ ކުއްޖާއާ ބެހޭ މައުލޫމާތާއި އޭގެ އިތުރުންވެސް ގއ. ކަނޑުހުޅުދޫ ކައުންސިލަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާބެހޭ މައުލޫމާތު ހޯދުމަށްވެސް ކޮމިޓީން ފާސް ކޮށްފައިވެއެވެ.
އެއަށްފަހު ކޮމިޓީން ފާސް ކުރީ މާދަމާރޭ 9:00 އަށް ކަމާބެހޭ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް މައްސަލަތަކާބެހޭ ގޮތުން އޮޅުން ފިލުވަންޖެހޭ ކަންތައްތައް އޮޅުން ފޮލުވުމަށެވެ.
އެކަމަށްޓަކައި ފުލުހުންނާއި ކްރިމިނަލް ކޯޓާއި ޕީޖީ އާއި ޖެންޑާ މިނިސްޓްރީގެ އިސްބޭފުޅުންނާއި، އެ މައްސަލަ އެޗްއާރުސީއެމް އަށް ހުށަހަޅާފައިވާނަމަ އެ މުއައްސަސާގެ އިސް ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ފާސް ކޮށްފައެވެ.
މީގެ އިތުރުން ގއ. ކަނޑުހުޅުދޫގައި އެ ފަދަ ގިނަ މައްސަލަތަކެއް ހިނގާފައިވާކަން ފާހަގަކޮށް އެ ފަދަ މައްސަލަތަކާބެހޭގޮތުން އެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރަށު ކައުންސިލްވެސް ކޮމިޓީ ބައްދަލުވުމުގައި ބައިވެރި ކުރަން ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވަނީ ނިންމަވައިފައެވެ.
ކޮމިޓީީން ނިންމާފައިވަނީ އެ މައްސަލަތައް ބެލުމަށް ފަހު މައްސަލަތައް ކުރިއަށް ގެންދަން ލަސް ވުމުގައި ޒިންމާ ވާ ފަރާތްތަކަކީ ކޮބައިތޯބެލުމާއި، ކޮމިޓީން ބަލަން ކަނޑައަޅާ ކަންތައްތަކެް ބެލުމަށެވެ. އަދި އެ ކަންތައްތައް ބެލުމަށްފަހު ޒިންމާ ވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.
ނަމަވެސް އަޅަނީ ކޮން ފިޔަވަޅުތަކެއް ކަމެއް ކޮމިޓީިން ނިންމާފައެއް ނުވެއެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، އެ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަ އާއި މުނި ކާފަ އާއި ބައްޕަ ވަނީ ހައްޔަރުކޮށްފަ އެވެ.