ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ކޮމަންވެލްތުގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ދުންޔާ މައުމޫން މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ކޮމަންވެލްތާ އަލުން ގުޅެން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
"ކެބިނެޓުގެ މި ނިންމުމަށް މަރުހަބާ! މީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަރަށް މުހިންމު އިސްނެންގެވުމެއް." ދުންޔާގެ ޓުވީޓުގައި ވިދާޅުވި އެވެ.
ދުންޔާގެ ފޮރިން މިނިސްޓަރު ކަމުގައި ވަނީ ރާއްޖެ އާއި ބޭރުގެ ގައުމު ތަކާ އެކު އޮންނަ ގުޅުން ރަނގަޅުކޮށް ހަރުދަނާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ފާހަގަވެގެން ގޮސްފައި ވަނީ ބޭރުގެ ގައުމު ތަކާ އޮންނަ ގުޅުން ބެލެންސް ނުކުރެއްވުނު ވެރިއެއްގެ ގޮތުގަ އެވެ. ކޮމަން ވެލްތާ ގުޅުން ކަނޑައިލައްވަން ރައީސް ޔާމީން ނިންމެވުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ގިނަ ދިވެހީންގެ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ.