ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން، ކުޑަކުދިންނަ ޖިންސީ އަނިޔާ ކުރުމާ ދެކޮޅަށް މިއަދު ބޭއްވި މުޒާހަރާގައި، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާއަށް ގޮވައިފިއެވެ.
މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައި ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މިއަދު ހަވީރު މުޒާހަރާ ބޭއްވި ސަރަހައްދަށް ވަޑައިގެންނެވުމުންނެވެ.
މިނިސްޓަރު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ތަނުގައި ތިބި ބައެއް މީހުންނާ ބައްދަލު ކުރައްވައި އެ މީހުންނާއި، މީޑިޔާގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވައިފައެވެ.
ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މިއަދު ހަވީރު 4:00 ގައި ފެށި މި ސުލްހަވެރި މުޒާހަރާގައި ބައިވެރިން ތިބީ ޖިންސީ ގޯނާ އާއި، ރޭޕް ކުރުމާ ދެކޮޅު އެކި ކަހަަލަ ލިއުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ.
ހޭޝްޓެގް "އައި ސްޓޭންޑް އަގެއިންސް ރޭފް" ޝިއާރުގެ ދަށުން ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ޖެންޑާ މިނިސްޓްރީ ކުރިމައްޗަށް އެއްވެފައިވާ މުޒާހަރާގެ ބައިވެރިން ވަނީ ކުޑަކުދިން ރޭޕް ކުރުމުގައި ޒިންމާދާރުވާންޖެހޭ ފަރާތްތަށް ކޮބާތޯ ސުވާލު އުފައްދަމުންނެވެ. އަދި ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ.
އަދި ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގައި ފިޔަވަޅު އެޅުމަށް މިނިސްޓްރީން އުޒުރުވެރިވެފައިވާ ކަމަށާއި އެފަދަ މައްސަލަތައް ދިގު ނުދައްމައި، ކުށްކުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް އެއްވުމުގެ ބައިވެރިން ގޮވަމުން ގެންދިޔައެވެ.
އެ މުޒާހަރާގެ ބައިވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތުއްތު ކުއްޖެއްގެ އެވަރުގެ ކަމެއްގައި މީހުންގެ ހިތް ނުތަނަވަސްވެ ރުޅި ގަދަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެކަމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި ކުއްޖެއްގެ ރައްކާތެރިކަމަށް ކުރަންޖެހޭ އެއްވެސް ކަމެއް ކުރުމަށް އެކަމަނާވެސް އައި މިނިސްޓްރީގެ ޓީމާއި، މުޅި ސަރުކާރުވެސް ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް މިނިސްތަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖިންސީ އަނިޔާތަކުގެ މައްސަލަ ތަކުގައި ވީހާ އަވަހަށް ހަރަކާތްތެރިވުމަށް ކުރަންޖެހޭ ކަންތައްތައް މިނިސްޓްރީން މިހާރުވެސް ކުރަމުންދާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެ އަހަރުގެ ކުއްޖާގެ މައްސަލަގައިގައި ވަރަށް އަވަހަށް ފިޔަވަޅު އަޅާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެ މުހިއްމު ކަމަކީ ދިވެހި ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ މުޅިން ހުއްޓުމަކަށް ގެނައުން ކަމަށެވެ. އަދި މަސައްކަތްތައް ބައްޓަން ކޮށްފައިވަނީވެސް އެގޮތަށް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ އިސްތިއުފާއާ ބެހޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އިސްތިއުފާ ދެއްވުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުމުގެ އެއްވެސް މައްސަލައެއް ނުހިނގާނެކަން ކަށަވަރުވާނަމަ މިހާރުވެސް ހުންނެވީ އިސްތިއުފާދެއްވަންން ތައްޔާރަށް ކަމަށެވެ.
ދެކުނުގެ ރަށެއްގައި، ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް މިހާރު ފެންމަތިވެފައި ވާއިރު އެ މައްސަލައިގައި، އެ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަ އާއި މުނި ކާފަ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއްް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.