ކ. ވިލިމާލޭ ގޮނޑޮދޮށަށް މަރުނުވެ އޮތް ބޮޑު މަހެއް ލައްގާފައި އޮއްވާ ފެނިގެން، ފުލުހުންނާއި އާންމުން ގުޅިގެން އެމަސް ފުންކޮށް ދޫކޮށްލައިފި އެވެ.
މި މަސް ލައްގާފައި ވަނީ ވިލިމާލޭ ޝެއިޚް އަބްދުއްރަހްމާން ޕްރީ ސްކޫލާ ދިމާ އަތިރިމައްޗަށް ކަމަށް ފުލުހުން ބުނެ އެވެ.
ސޯޝިއަލް މީޑިއާގައި އާންމުވެފައިވާ ބައެއް ފޮޓޯ އަދި ވީޑިއޯތަކުން އެނގޭ ގޮތުގައި، މާލޭ އެމްޕީއެލް ސަރަހައްދު ފަޅުތެރެއިން ވެސް ރޭގަ ވަގުތެއްގައި ވަނީ މި ސައިޒުގެ ބޮޑު މަހެއްް ފެނިފަ އެވެ. އެ މަސް ފަޅުތެރެޔަށް ވަދެ އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.
ދެ ވީޑިއޯއަށް ބެލުމުން ހީވާ ގޮތުގައި މިއީ އެއް ބޮޑު މަހެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ދެ ވީޑިއޯގެ ސައިޒު ވަރަށް އެއްވަރެވެ. މި މަސް ވިލިމާލޭ ގޮނޑުދޮށަށް ލައްވީ ކީއްވެ ކަމެއް ނޭނގެ އެވެ.
މި މަސް ބޭރު ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަސް ފުންކޮށްގެން ބޭރަށް ގެންދިޔުމަށް ފަސޭހަ ކުރުމަށް ޓަކައި ކައްކާތެޔޮ ހުސްކުރި ހަންތަކެއް ވަނީ ބޭނުންކޮށްފަ އެވެ.
ބޮޑު މަހަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އާންމުކޮށް ފެންނަ މަހެކެވެ. އެހެން ނަމަވެސް ލައްގާފައި އޮއްވާ މި ފެނުނު މަހަކީ ސައިޒުން އެހާ ބޮޑު މަހެއް ނޫނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަރަށް ބޮޑެތި ސައިޒުގެ ބޮޑުމަސް ވެސް ފެނެ އެވެ.