ޚަބަރު

ގާސިމަށް ވެރިކަން ހޯދައިދޭން ''ޑީލެއް'' ހަދާފައެއް ނުވާނެ، ނުވެސް ހަދާނަން: އަދުރޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން ޕީޕީއެމް/ ޕީއެންސީން ޑީލެއް ހަދާފައިނުވާނެ ކަމަށާއި އެފަދަ ޑީލެއް ނުވެސް ހަދާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުގައި މަސައްކަތްކުރެއްވި ބައެއް އިސް ބޭބޭފުޅުން ޖޭޕީއާ ގުޅިވަޑައިގެން އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ގާސިމަށް ވެރިކަން ހޯދައިދޭން ހަދާފައިވާ ޑީލެއްގެ ދަށުން ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫން ކަމަށެވެ.

އެފަދަ ޑީލެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށާއި އެހެންކަމުން އެފަދަ ޑީލެއް ނުވެސް ހަދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިއަދު އޮތީ ޕީޕީއެމް/ ޕީއެންސީގެ ފިކުރާއި އެމްޑީޕީގެ ފިކުރު ކަމަށާއި ތިންވަނަ ފިކުރެއް ކިތަންމެ ވަރަކަށް އުފައްދަން އުޅުނަސް އެކަމެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑެއް ގާސިމް އިބްރާހީމަށް ވެރިކަން ހޯދައިދޭކަށް ޑީލެއް ނަހަދާނެ. ވަރަށް ސާފުކޮށް މިދަންނަވަނީ. ނަހަދާނަމޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މިއޮތީ މައިގަނޑު ދެ ފިކުރު. ތިންވަނަ ފިކުރެއް ކިތަންމެ ވަރަކަށް އުފައްދަން އުޅުނަސް އުފެއްދިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ޕާޓީ ހެދިދާނެ. 3000 މީހުން ހަމަކޮށްގެން ޕާޓީ ހެދިދާނެ ކޮންމެ ބޭފުޅަކަށް ވެސް. ރާއްޖޭގައި މިއަދު އޮތީ ރައީސް ޔާމީންގެ ފިކުރު. އެއީ ޕީޕީއެމް/ ޕީއެންސީގެ ފިކުރު ދެން އޮތީ އެމްޑީޕީގެ ފިކުރު،" އަދުރޭ ވިދާޅުވިއެވެ.

އޭގެ އިތުރުން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޖޭޕީއާ ގުޅިވަޑައިގެން އެޕާޓީގެ އިސް ސަފުގައި ހުންނެވި އަހުމަދު ނިހާން ހުސެއިން މަނިކާއި އަދުރޭ، ގާސިމު އަތުން މަހު މުސާރަ ނަންގަމުންދާ ކަމަށް ދެކެވޭ ވާހަކަވެސް އަދުރޭ ވަނީ ދޮގު ކުރައްވައިފައެވެ.

އަދުރޭ ވިދާޅުވީ، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީއާއެކު ޕީޕީއެމް/ ޕީއެންސީ މަސައްކަތް ކުރުމުން ދެޕާޓީގެ ކެންޑިޑޭޓުންނަށް ވެސް ގާސިމު ހަރަދުކުރެއްވި ކަމަށެވެ. އެގޮތުން އޭނާގެ ކެމްޕެއިނަށް ވެސް ގާސިމު ހަރަރުކޮށްދީފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސިޔާސީ މައިދާނަށް އޭނާ ނުކުތުމުގެ ކުރިން ވެސް ގާސިމަކީ ވަރަށް ޒަމާންވީ ރަހުމަތްތެރިއެއްކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ، އެ ރައްޓެހި ރަހުމަތްތެރިކަމުގެ ގޮތުން އޭނާއަށް ދިމާވާ ބައެއް ކަންތައްތަކުގައި ގާސިމް އެހީތެރިކަން ފޯރުކޮށްދީފައި ހުންނާނެ ކަމަށެވެ. އަދި އެއީ ގާސިމް ސިޔާސީ މަގުސަދެއް ހާސިލްކުރަން ކޮށްދެއްވި ކަންތައް ކަމަށް ވިދާޅުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.