ރާއްޖެއާއެކު އޮތް ގުޅުންތައް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އާއި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖައްސަވައިފި އެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ އެ ގައުމު ތަކުގެ ސަފީރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މިނިސްޓަރު ޝަހީދު މިއަހަރުގެ ތެރޭގައި ޗައިނާގެ ބެއިޖިން އާއި އިންޑިއާގެ ނިއު ދިއްލީއަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝާހިދު ބެއިޖިން އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް ނިއު ދިއްލީއަށް ވަޑައިގަންނަވާނެ ހިސާބެއް އެނގިފައެއް ނުވެއެވެ.
އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޝާހިދު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިޖޮންގް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައި ވަނީ ރާއްޖެ އާއި އިންޑިއާ އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުންނެވެ.